السّـلام عليـكم

ފިއުޗަރ ސަރޗް ކޮންފަރެންސް އާދެ، ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ނުލައި ކުރިޔަށްދާނެ ގޮތެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ބޭއްވި މަޝްވަރާ ޖަލްސާއެއް ނިމުމަކަށް އައުމާ ގުޅިގެން، އަޅުގަނޑުމެން އެކަމާބެހޭ މަޢްލޫމާތު އެރުވުމަށްޓަކައި މިއަދު ތިބޭފުޅުންނާ މިބައްދަލުކޮށްލަނީ،

އާދެ، އެއްވެސް ޝައްކެއްނެތް، ހުރިހާބޭފުޅުންވެސް ޤަބޫލު ކުރައްވާނެ، މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަ. އަޅުގަނޑުމެން މިޖަލްސާއަށްއައީ، މިކަމުން ސަލާމަތްވުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް، އެކަމަށްޓަކައި ޢަޒުމް ކަނޑައެޅުމަށްޓަކައި. އެގޮތުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ

ފަރާތްތަކަކީ، އަމިއްލަ ކުންފުނިތަކުގައި ވިޔަފާރިކުރާ ފަރާތްތައް، އަދި ޚިދްމަތްދޭ ސަރުކާރުގެ އެކިއެކި ފަރާތްތަކާ، އަމިއްލަ ޖަމާޢަތްތައް. ޤާނޫނު ހައްދަވާ ބޭފުޅުންނާއި، ޤާނޫނު ތަންފީޒު ކުރެއްވުމަށް ތިއްބެވި ބޭފުޅުން، އަދި މަސްތުވާތަކެތީގެ އަސަރުގައި ޖެހިފައިތިބި އެކިއެކި ބޭފުޅުންނާ، ސަރުކާރުގެ ކަމާބެހޭފަރާތްތަކާއި، ޒުވާނުންނާއި، ބޭރުގެ އެހީދޭ ޖަމާޢަތްތައް. މިހުރިހާ ތަފާތު ފަރާތްތަކެއްގެ މަންދޫބުން ބައިވެރިވެގެން ބޭއްވި ޖަލްސާއެއް މިޖަލްސާއަކީ. އާދެ، ފުރިހަމަ ދެދުވަހާ ހޮނިހިރުދުވަހުގެ މެންދުރުފަހު އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑު ދަންނަވާނީ، މިހާތަނަށް އަދި ނުބޭއްވޭފަދަ ކާމިޔާބު ޖަލްސާއެއް ބޭއްވި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއްވަނީ ފާހަގަކުރެވިފައޭ.

އާދެ، އެގޮތުން އެންމެފުރަތަމަ ކަމެއްގެގޮތުގައި އަޅުގަނޑު ފާހަގަކުރަނީ، މިހާ ގިނައަދައެއްގެ މިކަމަބެހޭ ފަރާތްތަކެއް، މި ފާއިތުވި ދެދުވަހުގެ ތެރޭގައި އަދި ބޯ ވިއްސާރައިގެ ތެރޭގައިވެސް ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެން، މަސައްކަތް ކޮށްދެއްވިކަން އެއީ، އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކުރާކަމަކީ. އަދި މިޖަލްސާ ނިމިގެންދާއިރުގައި މިހުރިހާ ފަރާތެއްގެ ޢަޒުމް ވަރަށް ވަރުގަދައަށް ކަނޑައެޅިފައި މިވަނީ އެކީގައި މަސައްކަތް ކުރައްވައިގެން މިއެޖެންޑާ ކުރިޔަށް ގެންދަވަން. މިއިކީ އެންމެ ފަރާތަކުން ދެފަރާތަކުން މަސައްކަތްކުރަން ނިންމި ކަމެއްނޫން. މިދެންނެވި ހުރިހާ ފަރާތްތަކެއް އެއްބައިވެގެން ކުރެވެންހުރި ކަންތައްތައް ފާހަގަކޮށްގެން އެކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުން މިހާރު މިގެންދަނީ.

އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވާލާނަން، އެކިއެކި ދާއިރާތަކުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، މިނިންމެވި ކަންތައްތަކާ ބެހޭގޮތުން، ކުޑައެއްޗެއް ދަންނަވާލަން ކޮންމެ ބޭފުޅަކުވެސް. އެގޮތުން އަޅުގަނޑުގެ ކައިރީގައި މިތާނގައި އެބަތިއްބެވި އެ ތަފާތު ދާއިރާތަކުގެ މަސައްކަތްތައްކުރެއްވި އެކިއެކި ގުރޫޕްތަކުގެ މަންދޫބުން. އެހެންވީމާ، އެބޭފުޅުންނަށް އަޅުގަނޑު ފުރްޞަތު އަރުވާނަން، އެއަށްފަހުގައި އަޅުގަނޑުމެން ތިބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދަންނަވާނަން. އެހެންވީމާ، އެގޮތުން އެންމެފުރަތަމަ އެއްޗެއް ވިދާޅުވާނީ، ޤާނޫނީގޮތުން އަޅުގަނޑުމެން ކުރި މަސައްކަތުގައި އެގުރޫޕުގެ ފަރާތުން ޝާޢިރު. އެހެންވީމާ ޝާޢިރު ވާހަކަފުޅު ދައްކަވަން ފުރަތަމަ ވަގުތުކޮޅެއް އަޅުގަނޑު އަރުވާނަން.

_______________________