ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އެކުލަވައިލެއްވި ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާރވިސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފައަރޒްގައި ބޭއްވެވި މި ބައްދަލުވުމުގައި، ނެޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއަރޕާރސަން، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، މިބައްދަލުވުމަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށްޓަކައި ދައުލަތުގެ ތިންބާރު އެކުވެގެން ކުރެވެމުންމިދާ މަސައްކަތުގައި މި ދެ އިދާރާއިން ފޯރުވައިދެވެން އޮތް އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވަވާ ބައްދަލުވުމެއް ކަމަށް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި، ރާއްޖޭގައި ޢާއްމުވެފައިވާ ވަޅިހެރުމާއި، މާރާމާރީގެ މައްސަލަތައް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކުރަންހުރި މަސައްކަތްތަކާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައި، މި ހިނދުން މި ހިނދަށް އެޅެންހުރި ފިޔަވަޅުތައް އަޅުއްވަން ފެންނަކަމަށްވަނީ ނިންމަވާފައެވެ. މިގޮތުން ޖަލުތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރައްވައި، ހަރުދަނާ ކުރެއްވުމަށާއި، ޖަލުތަކުގެ ޖާގައިގެ އަދަދު އިތުރުކުރައްވައި، ޖަލުތަކުގައި ހައްޔަރުކުރެވޭ ނުރައްކާތެރި ކުށްވެރިން ޙުކުމް ތަންފީޒުކުރުމަށްޓަކައި ވަކި ޖަލުތަކުގައި ބޭތިއްބުމަށާއި، މިފަދަ ކުށްވެރިން ޙުކުމް ތަންފީޒު ކުރުމަށް ހޭދުކުރާ މުއްދަތުގެ ތެރޭގައި ރިހިބިލިޓޭޓް ކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ގެންދާ ނުރައްކާތެރި ކުށްވެރިން ފަރުވާކުރުމަށް މާލެ ގެނެސް އަނބުރާ ގެންދިޔުމުގައި، ފުލުހުންނާއި ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސްއާ ގުޅިގެން ޢަމަލުކުރާނެ ހަރުދަނާ ގޮތްތަކަކާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ޣައިރު ހާޒިރުގައި ޙުކުމް ކުރެވިފައިވާ މީހުން ހޯދުމާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.