ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ، އަދި ހިންގަވަން ހަމަޖައްސަވާފައިވާ ކަންކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ރަށު ކައުންސިލާ މަޝްވަރާ ކުރައްވައިފިއެވެ.

އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އޮފީހުގައި، ރޭ ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ރަށު ކައުންސިލުން، ރަށާގުޅޭ ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ ޕްރޮގްރާމްތަކާއި، ޚިދުމަތްތައް ހިންގެވުމަށް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްގެ ބައްދަލުވުންތަކާއި، އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވޭ ކަންކަމުގެ މަޢުލޫމާތު، އެ ބައްދަލުވުމެއްގެ ކުރިން ރައްޔިތުންނަށް އެނގެން ޖެހޭނެކަމުގައި ވިދާޅުވިއެވެ. އަދި، ރަށު ކައުންސިލްގެ ބައްދަލުވުމެއް ނިމުމުން، އެ ބައްދަލުވުމެއްގެ ނިންމުންތައްވެސް ޢާންމުކޮށް ރައްޔިތުންނަށް އެނގެން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ކުޅުދުއްފުށީ ބަނދަރު ތަރައްޤީ ކުރެއްވުމާއި، މަގުހެދުމާއި، ސަރުކާރުގެ ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ މަޝްރޫޢާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީ ރަށު ކައުންސިލާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި ކުޅުދުއްފުށީ ބަނދަރުގެ މައިގަނޑު މަސައްކަތާއެކު، ސަރުކާރުން ހިންގަވާ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށީ ބަނދަރު ތަރައްޤީ ކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ ޕްލޭނާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މި ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯއްދެވުމަށް ސަރުކާރުން މިހާރުވަނީ ޢާންމުކޮށް އިއުލާން ކުރައްވާފައެވެ. ޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށީ ބަނދަރަކީ، ވިޔަފާރިއާއި ދަތުރުފަތުރަށް މަގުފަހިކޮށްދޭ ބަނދަރަކަށް ހެއްދެވުމަށްޓަކައި، ބަނދަރުމަތީގައި މަސްވެރިންނަށް ބޭނުންވާ ޚިދްމަތްތަކާއި، ކުޅުދުއްފުށްޓާއި އެ ސަރަޙައްދުގެ އުފެއްދުންތައް ވިއްކުމަށްޓަކައި ލޯކަލް މާރުކޭޓާއި، ފެރީ ޓަރމިނަލާއި، ވިޔަފާރި އަދި މަސްވެރި ބަނދަރަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް، ކުޅުދުއްފުށީ ބަނދަރުމަތީގައި ޤާއިމް ކުރެއްވުމަށް ހަމަޖައްސަވާފައިވެއެވެ.

މިއާއެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރައްވައި، އެ ބަނދަރަކީ ބޮޑެތި ބޯޓު ފަހަރަށް ގާތް ކުރެވޭ ވަރުގެ ބަނދަރަކަށް ހެއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީ ކައުންސިލާއެކު ޙިއްޞާ ކުރެއްވިއެވެ. އަދި، މި ދިޔަ ތިންއަހަރު ކުޅުދުއްފުށީ ބަނދަރަށް ބޭލި މުދަލަށްވުރެ، ކުޅުދުއްފުށީ ބަނދަރާއި، ހިތަދޫ ބަނދަރަށް ބާލާ މުދަލުގެ ޑިއުޓީން 30 ޕަރސެންޓް މާފުކުރެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށްފަހު އެ ބަނދަރަށް ބޭލި މުދަލުގެ އަދަދު ގިނަވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ މަޝްވަރާ ހޯއްދެވިއެވެ. މި މަޝްރޫޢުގެ ދަށުން، މި މަސައްކަތް ހަވާލުކުރައްވާފައިވާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރިއަށް ގެންދަވަނީ، އެ ކަމަށް ބޭނުންވާ ސައިޓް ބިނާކުރެއްވުމުގެ މަސައްކަތާއި، އެކަމަށް ބޭނުންވާ މެޝިނަރީއާއި، އިކްއިޕްމަންޓް އިންސްޓޯލް ކުރެއްވުމުގެ މަސައްކަތެވެ. އަދި މިކަމަށް ބޭނުންވާ ހުރިހާ މެޝިނަރީ ރަށުގައި ޤާއިމުވެފައި ހުރުމުން، މި މަސައްކަތް ކުރިއަށް ގެންދެވޭ މިންވަރު މާބޮޑުތަނުން އަވަސްވެގެން ދާނެކަމުގައި އެކުންފުނީގެ ފަރާތުން، ރޭގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި މި މަހުގެ މެދުތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެކަން އެ ކުންފުނިން ހާމަކުރެއްވިއެވެ.

ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ގެދޮރުގެ ތެރެއިން ބައެއް، ކުޅުދުއްފުށިން އަލަށް ހިއްކާފައިވާ ބިމުގައި އެޅުމަށް، ރަށު ކައުންސިލުން ނިންމަވާފައިވާ ނިންމެވުމާބެހޭ މަޢުލޫމާތު، ރޭގެ ބައްދަލުވުމުގައި، ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިދިޔައަހަރު ސަރުކާރުން ހިންގެވި ބިން ހިއްކެވުމުގެ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައިވަނީ 28 ހެކްޓަރުގެ ބިން ހިއްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި، މި ބިން ތަރައްޤީ ކުރެއްވުމާބެހޭގޮތުންވެސް ކައުންސިލްގެ ޚިޔާލު ހޯއްދެވިއެވެ.

މީގެއިތުރުން، ރަށު ކައުންސިލުން ކުޅުދުއްފުށީގައި ހިންގަވަން ފަށްޓަވާފައިވާ މަސައްކަތްތަކާއި، ރަށްރަށުގައި ހުރި ވަކި ވުޒާރާއަކަށް ނިސްބަތް ނުވާ ހުރިހާ ބިންބިމާއި، ޢިމާރާތްތައް ރަށު ކައުންސިލްތަކާ ޙަވާލުކުރެއްވުމަށް މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާގުޅިގެން ރަށު ކައުންސިލަށް ބަދަލުކުރެއްވެން ހުރި ޢިމާރާތްތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި، ސަރުކާރުން މިހާތަނަށް ލާމަރުކަޒީ އުޞޫލުން ހިންގަވަން ފަށްޓަވާފައިވާ ޕަބްލިކް ހެލްތްގެ މަސައްކަތް، ރަށު ކައުންސިލުން ކުޅުދުއްފުށީގައި ހިންގަވަމުން ގެންދަވާ ގޮތާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޚިދުމަތް ލާމަރުކަޒު ކުރުމުގެ ބޭނުމަކީ، ކުރިން ކުރަމުން ގެންދެވި މަސައްކަތް އިތުރަށް ފުރިހަމަ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، އަތޮޅާއި އަދި ރަށުގެ ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރައްވައި، ރަނގަޅު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލާއެކު މަޝްވަރާ ކުރައްވައި، ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި، އަޕަރނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަނުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އަދި، ކުޅުދުއްފުށީގައި ހިންގަވާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ހަދަން ހަމަޖެހިފައިވާ މަގުގެ ސަރަޙައްދާއި، ކުޅުދުއްފުށީ ބަނދަރު ސަރަޙައްދާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގެދޮރު ޢިމާރާތް ކުރަމުން ގެންދާ ސަރަޙައްދު އެމަނިކުފާނު މިއަދު ބައްލަވާލެއްވިއެވެ. އަދި، ކުޅުދުއްފުށީގައި ސާފު ބޯފެނުގެ ޚިދުމަށް ފޯރުވައިދިނުމުގެ މަސައްކަތް ހިންގަވާ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ އޮޕަރޭޝަންސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޒިޔާރަތް ކުރެއްވިއެވެ.