ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތައް ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަދި، ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާ ނަގައިގެން، އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގާ ސްކީމަކަމަށްވާއިރު، "އެއްވެސް ފަރާތަކުން، މި ސްކީމްގައި ބައިވެރި ނުވުމަކީ، މި ސްކީމް ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް އެޅޭ ހުރަހަކަށްވާނެ" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކުން، ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޕެންޝަން ސްކީމްގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތަކުން ބައިވުރިވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، "މި ޕެންޝަން ސްކީމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިނުވެ ކަންހިނގާނޭ އެއްވެސް ގޮތެއް ވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ސްކީމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރުމަށް، އަދި ރާއްޖޭގެ ކިތަންމެ ރައްޔިތުންނަކަށް އޭގެން ފައިދާ ލިބޭ މި ނިޒާމް ބާރަށް ހިނގައި ގަތުމަށް އެޅޭ ހުރަހަކަށް ވާނެ" ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިން މި ސްކީމަށް ފައިސާ ދައްކަން ފެށުމަށް ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ، 1 މެއި 2011 ކުޑަތަންވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ޕެންޝަން ސްކީމުގައި ރަޖިސްޓަރީވެފައި ނުވާ ފަރާތްތައް ވީހާވެސް އަވަހަކަށް މިސްކީމުގައި ރަޖިސްޓަރީވެލައްވައި، މުވައްޒަފުންނަށް ޕެންޝަން ސްކީމުގެ ފައިދާ ހޯދައިދެއްވުމުގައި އެހީތެރިވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޕެންޝަން ސްކީމަކީ، ވަޒީފާ އަދާނުކުރެވޭ ދުވަހަކުން އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ފައިސާ ލިބޭނެ މަގެއްކަން ފާހަގަކުރައްވައި، "ވަޒީފާދޭ ފަރާތްތަކުން، މުވައްޒަފުންނަށް ލިބިދޭންޖެހޭ ޕެންޝަނުގެ ޙައްޤު ހޯދައި ދިނުމަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުން ވަރަށް މުހިއްމު" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، "ދައުލަތުގެ ބަޖެޓުން މުސާރަ ލިބޭ ފަރާތްތަކާއި، ވަޒީފާދޭ އަމިއްލަ ފަރާތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައްވެސް މި ސްކީމުގައި ބައިވެރިވުމަކީ ދުޅަހެޔޮ، ފާގަތި އަދި ފުއްދުންތެރި މުސްތަގުބަލެއް ބިނާކުރުމުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕެންޝަންގެ ޤާނޫނުގައި ވާގޮތުގެ މަތިން، ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރެވި، 1 މެއި 2010 އިން ފެށިގެން ދޭ މުސާރައިން އެ މުވައްޒަފުންގެ ޕެންޝަން ޖަމާކުރަން ފެށިފައެވެ. މިގޮތުން، މިހާތަނަށް މި ސްކީމުގައި 37,708 ބައިވެރިވެ ފައިސާ ދައްކަން ފަށާފައިވެއެވެ. އަދި ދައުލަތް ފިޔަވައި، ވަޒީފާދޭ 2500 އަށް ވުރެ ގިނަފަރާތުން މިހާތަނަށް މި ސްކީމްގައި ބައިވެރިވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ 92 ވަނަ ރޭޑިޔޯ ޚިޠާބުގައި، 7 އޭޕްރީލް ވީ ބުރާސްފަތި ދުވަހަކީ، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރި ދުވަސް ކަމުގައިވާތީ، މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިޢާރު ކަމުގައިވާ، 'ހެޔޮގޮތުގައި އެންޓިބައޮޓިކްސް ބޭނުންކުރައްވާ' މި ޝިޢާރުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ޝިޢާރު ކަނޑައެޅުމުގެ މަޤްޞަދަކީ ގައިން ގަޔަށް އަރާ ބައެއް ބަލީގެ ޖަރާސީމު، ބޭހަށް ހޭނުމުގެ ސަބަބުން ބަލި ފަސޭހަ ނުވާކަމަށް ފާހަގަ ކުރެވޭތީ، ރައްކާތެރި ގޮތުގައި، ބޭހުގެ އަސަރު ނުކެނޑޭނެގޮތަށް، އެންޓިބައޮޓިކްސް ބޭނުންކުރުމާއިމެދު ހޭލުންތެރިކަން އިތުރުކުރުންކަމުގައި ވިދާޅުވިއެވެ. އަދި ޖަރާސީމު، ބޭހަށް ހޭނުމަކީ ބަލި ފަސޭހަކުރުމަށް އުދަނގޫވެ، ބަލީގެ ނުރައްކާ ބޮޑުވެ، ފަރުވާގައި ހޭދަކުރާ މުއްދަތު އިތުރުވެ، އަގުބޮޑު ބޭސް ބޭނުންކުރަންޖެހޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، "ޖަރާސީމު ބޭހަށް ހޭނުން ހުއްޓުވުމަށްޓަކައި، ބޭސް ބޭނުންކުރައްވާއިރު، ޑޮކްޓަރުން ނުވަތަ ސިއްހީ ފަރުވާ ދެއްވާ ފަރާތްތަކުގެ އިރުޝާދާއެކު ބޭސް ބޭނުން ކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެއް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.