ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި، ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ދައުލަތުގެ ތިން ބާރާއި، ރައްޔިތުން ގުޅިގެން ޤައުމީ ފެންވަރުގައި ޙަރަކާތްތަކެއް ހިންގުމުގެ ކަންތައް ވިލަރެސްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެކުލަވާލެއްވި ވަޒީރުން ފެންވަރުގެ ކޮމިޓީން، ރައްޔިތުންގެ މަޖުލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުރުން ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖުލީހުގެ ގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވަނީ ރާއްޖޭގައި މިހާރު ޢާއްމުވެފައިވާ ވަޅިހެރުމާއި، މާރާމާރީގެ މައްސަލަތައް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކާމެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި، މިހިނދުން މިހިނދަށް އެޅެންހުރި ފިޔަވަޅުތައް އަޅުއްވަން ފެންނިވަޑައިގަންނަވާކަމަށް ނިންމަވާފައެވެ. އަދި ދައުލަތުގެ ތިންބާރު ގުޅިވަޑައިގެން މަސައްކަތްކުރައްވައި، ރައްޔިތުންނަށް އިތުބާރާއި، ޔަޤީންކަން ދެއްވުން މުހިއްމުކަމަށް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައި، ޤާނޫނީ އިމުގެ ތެރެއިން ކުށްވެރިން ހިފައި، ހައްޔަރުކޮށް، އެފަދަ ކުށްވެރިން ތަޙުޤީޤު މަރުޙަލާގައި ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބޭނެ ގަވާއިދުތަކެއް މިހިނދުން މިހިނދަށްވެސް ހަދަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް ނުވަތަ ހަދަންޖެހޭ ޤާނޫނުތައް ހެދުމަކީ ވަގުތު ނަގާނެކަމަކަށް ވުމާއެކު މަޖުލީހުގެ ރުހުމާއެކު މިފަދަ ގަވާއިދުތަކެއް ހެދުން މުހިއްމުކަން، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މާރާމާރީއާއި، ބޮޑެތި ކުށުގެ ޢަމަލުތައް ހިންގާފައިވާ ކުށްވެރިން މުޖުތަމަޢުގެ ޢާއްމު ފަރުދުންނެކޭ އެއް އުސޫލުން މަގުމަތީގައި އުޅެމުން ގެންދާއިރު އެފަދަ ކުށްވެރިން ވަގުތުން ވަގުތަށް ހިފައި ހައްޔަރުކުރުމުގެ އިޚްތިޔާރާއި ބާރު ފުލުހުންނަށާއި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިހިނދުން މިހިނދަށް ދޭން ފެނިވަޑައިގަންނަވާ ކަންވެސް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ހައްޔަރުކުރެވޭ ކުށްވެރިން ދޫކުރުމުގައި، އެއްވެސްފަރާތެއްގެ ނުފޫޒު ނުފޯރާނެ ގޮތަކަށް އޮތުމާއި އެފަދަ ކުށްވެރިން ދޫކޮށްދިނުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއް އަޑުނާހައި، ރައްޔިތުންނަށް ލިބިދޭންޖެހޭ ސަލާމަތާއި، ރައްކާތެރިކަމަށް އިސްކަންދިނުން މުހިއްމުކަމަށް މި ދެކޮމިޓީގެ މެންބަރުން ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތު މިހާރަށްވުރެ ރަނގަޅުކޮށް ތަފާތު ކުށްކުށުގައި ހައްޔަރުކުރެވޭ މީހުން މަސްހުނިނުވާނެ ގޮތަކަށް ޖަލުތަކުގައި މީހުން ބޭތިއްބޭނެ އަވަސް ނިޒާމެއް ޤާއިމް ކުރުމުގެ މުހިއްމުކަމާމެދުވެސް މި ބައްދަލުކުރެއްވުމުގައި، ދެ ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ޖަލުތައް ބެލެހެއްޓުން ހަރުދަނާ ކުރުމުގައި ފުލުހުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަން ބޭނުންވާނަމަ އެފުރުޞަތު ދެއްވައިގެން ނަމަވެސް ޖަލުތަކުގެ ޙާލަތު މިހާރުން މިހާރަށް ރަނގަޅުކޮށް، މާރާމާރީއާއި، ތޫނު ހަތިރާރު ބޭނުންކޮށްގެން މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގާ ކުށްވެރިން މުޅިން ވަކިން، ޖަލުތަކުގައި ބައިތިއްބައިގެން ބެލެހެއްޓޭނެ އަވަސް ނިޒާމެއް ޤާއިމް ކުރުން މުހިއްމުކަންވެސް ދެ ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އިސްނަންގަވައިގެން ޤައުމީ މަސައްކަތެއްގެ ގޮތުގައި ކުރައްވަމުންގެންދަވާ މި މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިކަމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންވެސް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނަށް ދެއްވާފައިވާކަންވެސް މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން ރައްޔިތުންގެ މަޖިލީހާ ގުޅިވަޑައިގެން މިފަދަ މަސައްކަތްތަކެއް ކުރައްވަން ނިންމެވިކަމަށްޓަކައި އުފާފުޅު ކުރައްވާކަމުގައިވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުކުރެއްވުމުގައި، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރާއި، މެމްބަރުންގެ އިތުރުން، ނެޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައި ގެންނެވިއެވެ.