ތޫނު ހަތިޔާރާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގަމުންގެންދާ ނުރައްކާތެރި މާރާމާރީއާއި ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުމަކަށް ގެނައުމުގައި ދައުލަތުގެ 3 ބާރާއި، ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްތައް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އުފެއްދެވި ނެޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނާއި، ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުގައި ބޭއްވެވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، ވައްކަމާއި، ފޭރުމާއި، ރޭޕްކުރުމާއި، މަސްތުވާތަކެއްޗާއި އެނޫނަސް ބޮޑެތި ކުށްތައް ހިންގާ ފަރާތްތައް ހޯދައި، ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކޮށް އެފަދަ ފަރާތްތަކަށް ޤާނޫނީގޮތުން ދޭންޖެހޭ އަދަބުތައް ދިނުމުގައި ޝަރުޢީ ނިޒާމުގެ ތެރެއިން ކުރެވެންހުރި ކަންތައްތައް ހަރުދަނާކަމާއެކު ގެންދެވޭނެ ގޮތްތަކަކާ ބެހޭގޮތުންނެވެ.

ޝަރުޢީ މަރުޙަލާގައި މިފަދަ މައްސަލަތައް ދިގުލައިގެންދާ ދިޔުން އަވަސްކޮށް، ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބުތައްދީ، މިފަދަ ކުށްވެރިން މަގުމަތީގައި މިއުޅޭ އުޅުން ހުއްޓުމަކަށް ގެނައުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި، އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރޮސެކިއުޓަރ ޖެނެރަލް، ކޮމިޓީއަށް މިއަދުވަނީ ދެއްވާފައެވެ.

ހަމައެހެންމެ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް އަމާންކަން ހޯދައިދީ، ރައްކާތެރި ވެށްޓެއް މިޤައުމުގައި ޤާއިމުކޮށް ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ޤައުމީ ފެންވަރުގައި ކުރަންފެށި މިމަސައްކަތުގައި ޝަރުޢީ ދާއިރާއިން އެންމެ ފުރިހަމަގޮތުގައި ބައިވެރިވެ، މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ދެއްވިއެވެ.

ޝަރުޢީ ނިޒާމުގެ ތެރޭގައި ރަނގަޅު ކުރަންހުރި ކަންތައްތަކެއް ހުރިނަމަ އެކަންކަން ރަނގަޅުކުރުމުގައި ސްޕްރީމްކޯޓުން ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުވަނީ މިކޮމިޓީއަށް ދެއްވާފައެވެ. އަދި މިފަދަ ކުށްވެރިން ހޯދައި ހައްޔަރުކޮށް ޝަރީޢަތަށް ހުށަހެޅުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން މިކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ހޯއްދެވުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

މިފަދަ މައްސަލަތައް ޙައްލުކުރުމަށް ކޯޓުތަކުން ކުރެވެންހުރި ކަންތައްތަކާއި ޝަރުޢީ ދާއިރާއިން ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ އިތުރުން، ޖަލުގެ ކަންކަން ޙައްލުކުރުމުގައި ކުރެވެންހުރި ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޙަސަން ޢަފީފާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙާއި، ކޮމިޓީގެ އެހެން މެންބަރުން ބައިވެރިވެވަޑައިގަތެވެ.