ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ލިމިޓްސް އ.ދ ގެ ކޮންޓިނެންޓަލް ޝެލްފާބެހޭ ކޮމިޓީއަށް ހުށަހެޅުއްވުމަށްޓަކައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ ބޭފުޅުން ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ. މިވަފުދުގެ އިސްވެރިއެއްގެ ގޮތުން ވަޑައިގެންނެވީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލެވެ. ވަފުދުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެޓަރނީ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނާއިބު ޙައުލާ އަޙްމަދު ދީދީއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މޭޖަރ މުޙައްމަދު އިބްރާހީމެވެ.

ދިވެހިރާއްޖެއިން ކްލެއިމް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ސަރަޙައްދު، އ.ދ ގެ ކޮންޓިނެންޓަލް ޝެލްފާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މާޗް މަހުގެ 31 ވަނަ ދުވަހުއެވެ. ރާއްޖޭގެ ކްލެއިމް ކާމިޔާބު ކުރުމަށްޓަކައި ކޮންޓިނެންޓަލް ޝެލްފްގެ ހުށަހެޅުން ތައްޔާރު ކުރެވިފައިވަނީ، ކޮންޓިނެންޓަލް ޝެލްފްގެ ސަބްމިޝަން ތައްޔާރުކުރުމާބެހޭ ޓެކްނިކަލް ކޮމިޓީގެ ބޭފުޅުންނާއި، ކޮމަންވެލްތްގެ ސެކްރެޓޭރިއެޓްގެ ލީގަލް އަދި ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ.

މިކަމަކީ ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއްކަމާއި، އަދި ރާއްޖެއަށް އެހާމެ މުހިންމު ބޭނުންތެރިކަމެއްކަން އދ. ގެ ކޮމިޓީއަށް އަންގަވައި ދެއްވުމަކީ، މިވަފްދުގެ އެންމެ މުހިންމު އެއް ބޭނުމެވެ.