ދިވެހިރާއްޖޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ތަފާތު ގުރޫޕްތަކާއި ގޭންގުތަކުން މާރާމާރީ ހިންގުމާއި، ވައްކަމާއި، ފޭރުމާއި، މީހުން މެރުން ޢާންމުވެ، ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ޤައުމުގެ އިޤްތިޞާދަށް ހުރަސްއެޅި، ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާތީ، އެޙާލަތުން މިޤައުމު ސަލާމަތްކޮށް މިޤައުމަކީ ރައްކާތެރި އަމާން ތަނަކަށް ހެއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކޮމިޓީއެއް އުފައްދަވައިފިއެވެ. އަދި މިއަދު ބޭއްވެވި އެކޮމިޓީގެ ފުރަތަމަ ބައްދަލުވުމުން މިކަމާގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ އޮފީހުން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

މި ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިން ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރ، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފާއި، އެޓަރނީޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މުޙައްމަދު މުޢިއްޒު ޢަދުނާނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒެވެ.

މިއަދު ބޭއްވެވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މިކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށްވުމާއެކު، މިހުރިހާ ފަރާތްތަކެއް ގުޅިގެން މިމަސައްކަތް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދެވުމަށް ނިންމެވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މި ހަފްތާގެ ތެރޭގައި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވައި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ފެށްޓެވުމަށް ނިންމެވިއެވެ. ހަމައެއާއެކު، މިކޮމިޓީން މިއަދުވަނީ މިކަން ހަރުދަނާކޮށް ގެންދިއުމަށްޓަކައި "ސީރިއަސް އޮގަނައިޒްޑް ކްރައިމް ޓާސްކް ފޯސް" އެއް އެކުލަވާލެއްވުމަށްވެސް ނިންމަވާފައެވެ.

މިޓާސްކް ފޯސްގެ ލީޑް އެޖެންސީއަކަށް ހަމަޖައްސަވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެހީތެރިވުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކޯޓުތަކާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޭފުޅުންވެސް މިޓާސްކް ފޯހުގައި ހިމެނުއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

މި ޓާސްކް ފޯސްގެ މަސައްކަތް ބައްޓަން ކުރުމަށް ސީރިއަސް އޮގަނައިޒްޑް ކްރައިމް އިންޓަވެންޝަން ސްޓްރެޓެޖީއެއް ކަނޑައެޅުމަށްޓަކައި ތަޞައްވުރެއްވެސް މިއަދުވަނީ އެކަށައަޅުއްވާފައެވެ. މި ތަޞައްވުރުގެ ދަށުން އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުމަށްޓަކައި، ދިވެހިރާއްޖެއަކީ ކުށުގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށްޓަކައި މިހާރުން މިހާރަށް ކަންތައްތަކެއް ކުރައްވަން ފެށްޓެވުމަށް ނިންމަވައި އެކަމުގެ މަޤްޞަދުތަކެއްވެސް މިއަދު ކަނޑައެޅުއްވިއެވެ.