މޮރިޝަސްގެ ޤައުމީ ދުވަހުގެ އިޙްތިފާލުތައް ޝަރަފްވެރިކޮށްދެއްވުމަށް، މޮރިޝަސްގެ ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލަމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މޮރިޝަސްގެ ރައީސް އަނުރޫދު ޖަގްނައުތާއި، ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލަމްއާ ބައްދަލުކުރައްވައި، ރާއްޖެއާއި މޮރިޝަސްއާ ދެ ޤައުމުގެ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މޮރިޝަސްގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ކޮންމެ އަހަރެއްގެ މާޗް މަހުގެ 12 ވަނަ ދުވަހަކީ، އިނގިރޭސިންގެ އަތްދަށުން އެ ޤައުމަށް މިނިވަންކަން ލިބުނު ދުވަހާއި، އެ ޤައުމުގައި ބަރުލަމާނީ ޖުމްހޫރިއްޔަތެއް ޤާއިމް ކުރެވުނު ދުވަހެވެ. މޮރިޝަސް، އިނގިރޭސީންގެ އަތްދަށުން މިނިވަންވީ 1968 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެ ޤައުމަކީ ޕާލަމެންޓަރީ ރިޕަބްލިކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1992 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.