ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަހްނަރިމް އަބޫ ގިނޯމްލާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ފިލިޕީންސް އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފިލިޕީންސް އާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ބިދޭސީ މަސައްކަތު މީހުން ގިނަ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ޕިލިޕީންސްގެވެސް ވަރަށް ގިނަ މީހުން ވަޒީފާ އަދާކުރަމުންގެންދާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގައި ފިލިޕީންސް ބައިވެރިވުން އިތުރުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެކުނު އޭޝިޔާގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތަށް ފިލިޕީންސްގެ އެއްބާރުލުން ދެއްވުމަށާއި، ސާކް ސަމިޓްގައި ފިލިޕީންސްގެ ދައުރު ފުޅާކުރެއްވުމާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.