ޕަބްލިކް ހެލްތްގެ މަސައްކަތަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޞިއްޙީ ހާލު، ހެލްތް ވަރކަރުންނަށް އަބަދުވެސް ބެލޭނެ އިންތިޒާމެއް، ރަށު ކައުންސިލްތަކުންނާއި، ސިޓީ ކައުންސިލްތައް މެދުވެރިކޮށްގެން ހަމަޖެއްސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދަކީ، އަތޮޅުތަކުގަޔާއި ރަށްރަށުގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތްތައް ދިނުމުގެ މަސައްކަތާއި، ޤައުމީ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު ކަންކުރާނެ ގޮތްތައް ސާފުކޮށް އޮޅުން ފިލުވައި ދިނުމަށް ޢަމަލީގޮތުން ފެށުނު ދުވަސްކަމަށްވުމާއެކު، މިކަމާގުޅިގެން އެމަނިކުފާނު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި މަސައްކަތަށްޓަކައި، ހެލްތް ވާރކަރުން ކައުންސިލްތަކަށް ބަދަލުވެ، މަސައްކަތް ކުރަމުން ގެންދާނީ، އެ ކައުންސިލްތަކުގައި ކަމަށް ވިދާޅުވިއެވެ. އެ ކައުންސިލުތަކުން ހިންގާ މަސައްކަތްތަކުގެ ތެރޭގައި، ގޭގޭގެ ސާފުތާހިރުކަން ބެލުމާއި، މަދިރި އުފެދުމާއި، އެހެންވެސް ޖަރާސީމާއި ބަލިމަޑުކަމާއި ރޯގާއަށް ފަހިވާ ކަންކަން ހޯދައި ބެލުމާއި ދެނެގަތުން ހިމެނޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ބަލިވެ އިންނަ މީހާ، ބަލިވެ އިންނަ ހިސާބުން ފެށިގެންނާއި، ބޮޑުވަމުން އަންނަ ދަރިފުޅާއި، އަދި ހަމައެހެންމެ، އުމުރުން ދޮށީ މީހާއާއި މިނޫންވެސް ޞިއްޙީގޮތުން ޚާއްޞަ ނަޒަރިއްޔާތަކުން ސަރުކާރުން ބަލަހައްޓަންޖެހޭ މުޖުތަމަޢުގެ ފަރާތްތަކަށް ޚާއްޞަ ނަޒަރަކުން ބެލުން އެއީ، ލާމަރުކަޒީ އުޞޫލެއް މިރާއްޖޭގައި ޤާއިމު ކުރުމުގެ އެންމެ ބޮޑު ބޭނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަމާ އަޅާލެވި ރައްޔިތުންގެ ކަންކަން މިހާރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހަމަޖެއްސެވުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ލާ މަރުކަޒީ އުސޫލުން މިއަދު ހިންގަން މި ފެށުނު ޕަބްލިކް ހެލްތްގެ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރަށްރަށުންވެސް، އަތޮޅުތަކުންވެސް އަދި މާލެއިންވެސް އަބަދުވެސް އިވެނީ އެކަށީގެންވާ ޞިއްޙީ ޚިދްމަތްތައް ހޮސްޕިޓަލްތަކުން ނުލިބޭ ވާހަކަ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އެކަންތައްތައް ތަރައްޤީ ކުރުމުގައި ސަރުކާރުން އަވަދިނެތި އުޅުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، ހަމައެހެންމެ، އެއަށްވުރެ މުހިންމުކަން މާބޮޑުވެގެންވަނީ ބަލިވިޔަނުދީ ނުވަތަ ބަލިވުމުން ދުރުވާނެ ގޮތްތަކަކަށް ދިރިއުޅުން އިންތިޒާމުކުރުމާއި ރޭވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ބަލީގެ ޝިފާއެއް ހޯދުމަށްވުރެ ބަލިން އަބަދުވެސް ރައްކާތެރިވެ ހުރުން އެއީ، މާބުއްދިވެރި ކަމެކެވެ.

އަތޮޅުތަކުގަޔާއި ރަށްރަށުގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތްތައް ދިނުމުގެ މަސައްކަތާއި، ޤައުމީ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު ކަންކުރާނެ ގޮތްތައް ސާފުކޮށް އޮޅުން ފިލުއްވައި ދެއްވުމަށް އެކި ސަރަހައްދުތަކަށް ޓީމުތައް ފޮނުއްވާފައިވާތީ، އެކަމުގެ މަޢްލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވިއެވެ. އަދި ކޮންމެ ޓީމެއްގެ އިސް ބޭފުޅަކަށް ވަޒީރަކު ހަމަޖައްސަވާފައިވާ ކަމަށާއި، މި މަޢްލޫމާތުތައް ދެއްވުމުގައި އެބޭފުޅުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޢްލޫމާތުތަކާއެކީގައި ޕަބްލިކް ހެލްތްގެ މަސައްކަތް ވަރަށް ބާރަށް، ވަރަށް ފުރިހަމަކޮށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިއަދު ހިނގައިގަންނާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޕަބްލިކް ހެލްތުގެ މަސައްކަތްތައް، ލާ މަރުކަޒީ އުސޫލުން ހިންގަން ފެށުމާ ގުޅިގެން، ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވައި، މިކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އޮޅުންފިލުއްވައިދެއްވިއެވެ.