ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ލާމަރްކަޒީ އުޞޫލުން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ފެށްޓެވުމާބެހޭ މަޝްވަރާތައް، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ކުރައްވައިފިއެވެ. މިމަޝްވަރާތައް ބޭއްވެވީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އެ މިނިސްޓްރީއަށް ޒިޔާރަތް ކުރައްވައި، އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައެވެ.

ޕަބްލިކް ހެލްތްގެ މަސައްކަތްތައް، ރާއްޖޭގެ ޤައުމީ 7 އިދާރާއެއްގައި ފެށްޓެވުމާ ގުޅޭގޮތުންނާއި، އެއިދާރާތަކުގައި ޕަބްލިކް ހެލްތް ސްޕެޝަލިސްޓުން ބޭތިއްބެވުމާ ބެހޭގޮތުންނާއި، ރަށްރަށުގައި ޢާންމުކޮށް، ވަކި އާދައެއްގެ މަތިން ކުރެވެންހުރި ކަންކަން ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ޕަބްލިކް ހެލްތްގެ ދާއިރާގެ ބޭފުޅުން، ރަށްރަށުގައި ދޮރުން ދޮރަށް، އެއްގެއިން އަނެއް ގެއަށް ވަޑައިގެން ދެއްވައި، ކޮންމެ މަހަކު، ކޮންމެ މީހަކާ ގުޅޭގޮތުން ޞިއްޙީ ގޮތުން ބަލަންޖެހޭ ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރެއްވުމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ޢަބްދުލްބާރީ ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުން ކަމަށްވާ މާރިޔާ ޢަލީއާއި، އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.