ރާއްޖޭގައި އިސްލާމިކް ބޭންކެއް ހުޅުވުމަކީ، އިސްލާމީ އުޞޫލުތަކާއި އިސްލާމް ދީނުގެ މަތިވެރި ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން، ރާއްޖޭގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރުމަށް ލިބުނު ފުރުޞަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކު ހުޅުއްވައިދެއްވުމުގައި ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއީ، އިސްލާމީ އުޞޫތަކާ އެއްގޮތަށް ރާއްޖޭގައި ވިޔަފާރީގެ ކަންކަން ފަހިވެގެން ދިޔުމަށް ލިބުނު ފުރުޞަތެއްވެސް މެއެވެ.

މިއަދަކީ، ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަސް ކަމަށްވުމާއެކު، މިފަދަ މުހިންމު ދުވަހެއްގައި އިސްލާމިކް ބޭންކެއް ރާއްޖޭގައި ހުޅުވުނުތީ އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިއަދަކީ، ދިވެހިންނަށް އިސްލާމްދީނުގެ މަތިވެރި ނަޞީބު ލިބުނު ދުވަސް ކަމުގައި ވިދާޅުވިއެވެ. އަދި މިއަދަކީ، ކުރީގައި ދިވެހިން ދިރިއުޅެމުން އައި އުސޫލުތަކާއި، ގޮތްތަކާއި، ހަމަތައް ބަދަލުކޮށް، ތަރައްޤީއަށް އެންމެ ފަހި ފަލްސަފާ ލިބުނު ނަޞީބުވެރި ދުވަސްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމިކް ބޭންކްއް ރާއްޖޭގައި ހުޅުވުމާއެކު، މިއަދު މިފަށައިގަނެވުނު މަސައްކަތަކީ، މިރާއްޖޭގައި އިސްލާމީ އުޞޫލުތަކުން، ސާފުސާދާ ވިޔަފާރި ކުރުމުގެ މަސައްކަތްކަން ބަޔާންކުރެއްވިއެވެ. އެހެންކަމުން، ނާޖާއިޒު ފައިދާއާއި، އާދަޔާ ޚިލާފު އިންޓަރެސްޓާއި، ވިޔަފާރީގެ ކިތަންމެ ނުހަމަކަންތައްތަކުން އެއްކިބާވެ، ޠާހިރު ގޮތުގައި ކަންކަން ކުރުމުގެ މަގަކަށް އަޅުގަނޑުމެންނަށް އެނބުރެވުކަން އެއީ، މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އިސްލާމިކް ބޭންކެއް ޤާއިމު ކުރުމުގެ މަސައްކަތްފެށިފައިވާ އޮތް ނަމަވެސް، މި މަސައްކަތް އޭރު، އެއްގޮތަކަށްވެސް ކުރިއަށް ނުގެންދެވިފައި އޮތް ސަބަބުވެސް ހާމަކުރެއްވިއެވެ. އޭރު މި މަސައްކަތް ކުރިއަށް ގެންދެވިފައިނުވަނީ، ބޭރުބައެއްގެ އަތް މައްޗަށް އެއްވެސް ކަމެއް ކިތަންމެ ކުޑަމިންވަރަކަށްވެސް ދިޔައިމާ، އޭގެ ސަބަބުން ދިވެހިންނަށް ލިބިދާނެ ބޮޑު ގެއްލުމަކާ ނުވަތަ ބިރުވެރިކަމެއްގެ ތަޞައްވުރުގައި އަޅުގަނޑުމެން ތަޅުލެވިފައި ތިބި ތިބުމުގެ ސަބަބުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުވެ، އޭގެ ކުރީގައިވެސް ހުޅުވިފައި ހުރި ސިކުނޑިތަކަށް، ދިވެހި ވިޔަފާރީގެ ތެރޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުގެ ސަބަބުން، ވެރިކަމުގެ ފަރާތަށް މިކަމަށް ބާރުއެޅުމަށް ފަސޭހަވެގެން ދިޔައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިކަމުގެ ސަބަބުން، ބަނަ މަންޒަރުތަކެއް ފެނިދާނެކަމަށް އެކިއެކި މުއައްސަސާތަކުން ދެކެމުން އައި ކަމުގައިވިޔަސްވެސް، މިނިސްޓްރީ އޮފް ފިނޭންސުންނާއި، އަދި އެހެންވެސް ފަރާތްތަކުން މިކަމަށް ބާރު އަޅުއްވަމުން ގެންދެވުމުގެ ސަބަބުން، އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބުކަމާއެކީގައި، މި ބޭންކުގެ މަސައްކަތް މިއަދު މި ފަށައިގަނެވުނީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ، މެދު އާމްދަނީ ލިބޭ ޤައުމަކަށް ބަދަލުވެ، މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު މަދުވެގެންދާ މި ދަނޑިވަޅުގައި، ތަރައްޤީއަށް ފަހިވާ މިފަދަ ޑިވެލޮޕްމަންޓް ބޭންކްތަކުން ރާއްޖެއަށް ފައިސާ ލިބޭނެ ގޮތް މެދުވެރިވެފައި އޮތުމަކީ، މިވަގުތު ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖޭގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވަނީ، ވިޔަފާރިވެރިންނަށް ލިބޭ ޑޮލަރު، ރާއްޖޭގެ ބޭންކެއްގައި ބެހެއްޓީމާ ވިޔަފާރިވެރިޔާއަށް ލިބޭ އާމްދަނީ، ރާއްޖެއިން ބޭރުގެ ބޭންކެއްގައި އެ ޑޮލަރު ބެހެއްޓުމުން ލިބޭ އާމްދަނީއަށްވުރެ ކުޑަވީމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑޮލަރުގެ މުޢާމަލާތަކީ މާރުކޭޓް ނުވަތަ ބާޒާރުގައި ހިނގާ މުޢާމަލާތަކަށްވާއިރު، މިއަދު މި ބޭންކު ހުޅުވުމާއެކު، ޑޮލަރަށް ރަނގަޅު ފައިދާ ލިބޭނެ ވިޔަފާރިއެއް ޤާއިމު ކުރެވުނީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާއާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑުގެ ޗެއަރމަން ޚާލިދު އަލް-ޢަބޫދީއެވެ.