ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ހުރިހާކަމެއްގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގެ މުޅިން އާ ޒަމާނެއް ރައްޔިތުންގެ މަޖިލީހުން ފަށްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ ކަމަށާއި، ދައުލަތުގެ ބާރުތައް ވަކިކުރުމާއެކު، މިނިވަން މުހިންމު މުއައްސަސާތައް ދައްޗެއްނެތި ހިންގާން ފެށުމުގެ މަޝްރޫޢު ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން ކުރައްވާ ގިނަ މަސައްކަތްތަކަށް ޢަމަލީ ސިފައާއި ކާމިޔާބީ ގެނެސްދެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށްވެސް މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިކަންކަމުގެ ފާޅުކަންބޮޑު އެއް މިސާލަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޢަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ މުހިންމު އިދާރާތައް މިރާއްޖޭގައި ޤާއިމުކުރެވުނު ކުރެވުން ކަމުގައި ވިދާޅުވިއެވެ.
ރައްޔިތުން މިއަދު އެތިބީ މިއަދުގެ ސަރުކާރު ބަލައިގަނެ، ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ކުރިއަށްނެރެ، އެ ޙައްޤުތަކާ ޚިދުމަތްތަކުގެ އިންތިޒާރުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރަކީ، މުޅިން އާ ޤައުމިއްޔަތެއް އުފެއްދުމަށް ނުކުމެ އޮތް ސަރުކާރެކެވެ. މިރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވާ ޤައުމިއްޔަތަކީ ކޮބައިކަން ސަރުކާރަށް ވަރަށް ސާފެވެ. މި ސަރުކާރުގެ ޤައުމިއްޔަތުގެ މިއަދުގެ މަންޒަރަކީ، އިސްލާމީ ރިވެތި އުސޫލުތަކާއި، ދިވެހި ޘަޤާފަތާއި، އިންސާނީ ޙައްޤުތަކާއި، މަދަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަންޒަރު ކަމަށާއި، މިއަދުގެ ޤައުމިއްޔަތުގެ މަންޒަރަކީ، ލާމެހިފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅިފައި އޮތް ޤައުމެއްގެ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދުގެ ޤައުމިއްޔަތުގެ ސިފައަކީ، ބޯހިޔާވަހިކަމަކީ ފަސޭހަކަމާއެކީގައި މި ރާއްޖޭގެ ރައްޔިތުންނަށް ހޯދޭނެ ކަމެއްގެ ގޮތުގައި ވެފައި އޮންނަ ޤައުމިއްޔަތެއްގެ ސިފަކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ސަރުކާރުގެ މަޝްރޫޢުތަކާ މިންނެތް މަސައްކަތްތަކުގެ މަންފާ ފޯރުވައިދެވެނީ، މި ރާއްޖޭގެ ވަކި ބަޔަކަށް ޚާއްޞަ ކުރެވިގެނެއްނޫން ކަމަށާއި، މިއީ، ދިވެހި ރައްޔިތުންގެ ސަރުކާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މި ރާއްޖޭގެ ޙަޔާތުގައި މިދުވަސްވެސް ގުނިގެންދާނީ، އިރުގެ ރަންރީނދޫ އަދި އުޖާލާވި ދޯދިތަކުން އަލިކޮށް ދިއްލާލަދޭ ކުލަނޫފަޒާޔާ މާކަނޑުތަކުގެ ޗާލޫވި ޤުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި. މަތިވެރި ނިޢުމަތްތަކާއި ނަޞްރާއި ނަޞީބުގެ ފެހިކަން ލިބެވި، ކުރިއަރަމުންދާ ހާއުފާވެރިކަމާއި ހިތްހަމަޖެހުމާއި ހާސްކަމެއްނެތް ތާހިރު ދިރިއުޅުމެއްގެ އަމާޒަށް ރަމްޒުކޮށްދޭ އާ ދުވަހެއްގެ ގޮތުގައި." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، 2010 ވަނަ އަހަރަކީ، މި ރާއްޖޭގެ ހާލަތު އެތައް ގޮތަކުން ރަނގަޅުވި އަހަރެއްކަމާއި، ތަފާތު މުހިންމު އެކި ދާއިރާއިން ކުރިއެރުންތައް ހޯދިފައިވާ އަހަރެއްކަން ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ތެރެއިން އެންމެ މުހިންމު ފުރިހަމަވުމަކީ، ލޯކަލް ކައުންސިލްތައް ޤާއިމު ކުރެވުން ކަމަށާއި، އެހެންނަމަވެސް، ބައެއް ކައުންސިލްތައް ހިނގައިގަތުމުގައި ހުރަސްތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިފަދަ ބޮޑުކަމެއްގެ ތެރޭގައި ހުރަސްތަކާ ދިމާވާނެ ކަމާއި، ސަރުކާރުގެ އަމާޒަކީ، ދިމާވާ ހުރަސްތައް ކަޑައްތު ކުރައްވައި، ޤާނޫނުއަސާސީ ބަޔާންކުރާ ޔުނިޓަރީ ދައުލަތުގެ ސިފައަށް އުނިކަމެއް ލިބުނަ ނުދެއްވައި ލާމަރުކަޒު ކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ، ރިޔާސީބަޔާން ކުރިއަށް ގެންދަވަމުން، އެއްވެސް ޒަމާނެއްގައި މި ދިވެހި ދައުލަތުގެ އިސްތިޤްލާލަށް ބުރޫއެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަދިނުމަކީ އެމަނިކުފާނުވެސް އަދި ިސަރުކާރަކުންވެސް ކުރައްވާނެކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި އެބާވަތުގެ ކަމެއްގެ ތެރެއަށް އެނގިވަޑައިގެން ތިއްބަވާ ނުވަތަ އެނގިވަޑައިނުގެން ނަމަވެސް، ވާދަވެރި ޕާޓީތަކުން ވެދެވަޑައިނުގަތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އިޤްތިޞާދީ، އިޖުތިމާޢީ، އަދި ހެޔޮވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ސަރުކާރުންވަނީ، ކާމިޔާބު ގިނަ މަޝްރޫޢުތަކެއް ހިންގަވާފައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ ދުވެލީގެ ސަބަބުން ރައްޔިތުންނަށް އެއިން ކުރާ ލާބައާއި މަންފާ ދަނީ އިތުރުވަމުން ކަމަށާއި، އެކަންކަމުގެ ހެޔޮ ނަތީޖާތައް މިދަނީ ހުރިހާ ދިމާއަކުންވެސް ފެންނަމުން ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ރައްޔިތުންގެ އެފަދަ ފުރިހަމަ އިތުބާރު، މި ރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމުގެ ތެރެއަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތްޕުޅުތަކަށް ވާޞިލުކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު، ކުއްލި ގޮތަކަށް ސަރުކާރަށް ހުއްޓުންތައް ގެންނެވުމަށް މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވާ އެއްވެސް ފަރާތެއްގެ ނުފޫޒުގައި ނުތިއްބަވައި، ޤައުމީ މަޞްލަޙަތަށާއި ކުރިއެރުމަށްޓަކައި އެކުވެރިވެ ވަޑައިގެން، ވިސްނުންތެރި ޙިކުމަތްތައް ކުރިއަށް ނެރެދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި ފާހަގަކޮށްފައިވާ، ދިވެހިރާއްޖެއަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ އަދި ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ޤައުމީ ފެންވަރުގައި ޤައުމީ ސަލާމަތުގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި [ޤައުމީ ސަލާމަތީ އޮނިގަނޑެއް] އެކުލަވައިލުމަށް ތަފާތު މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ބަޔާންކުރެއްވިއެވެ. އަދި މި އޮނިގަނޑުގެ ތެރެއިން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، ޤައުމީ ސަލާމަތުގެ އިދާރީ އޮނިގަނޑެއް ޤާއިމްވެގެންދާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަފަހަރަށް އ.ދ. ސުލްހަ ބަލަހައްޓާ ލަޝްކަރުގައި ދިވެހި ސިފައިން ބައިވެރިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައް ކުރައްވައި މިއަހަރު ތެރޭގައި ސޮއިކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ސަރުކާރުން ކަނޑައަޅުއްވާ ބޭފުޅުންނަށް މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެފަދަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވޭނެކަންވެސް ހާމަކުރެއްވިއެވެ.