ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރ ސިރާޖް ޝަމްސުއްދީން، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އޭ.ޑީ.ބީ ގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭގޮތުންނާއި، އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުން އޭ.ޑީ.ބީ ގެ އެހީތެރިކަން ރާއްޖެއަށް ފޯރުއްވައިދެއްވުމާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމުގައި އޭ.ޑީ.ބީ ގެ ލަފައާއި މަޝްވަރާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަލަށް ތަޢާރުފް ކުރެވިފައިވާ ޖީ.އެސް.ޓީ ނެގުމުގެ ނިޒާމު ތަރައްޤީ ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމާއެކު، ބޭރު ފައިސާގެ މުޢާމަލާތް ހިންގުމުގެ ސިޔާސަތު އިތުރަށް ފުޅާކުރެއްވުމަށް ކުރައްވަންޖެހޭ ކަންތައްތަކެއް އެބަހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ ތަރައްޤީގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި، ނަރުދަމާގެ ޚިދްމަތް ޤާއިމު ކުރެއްވުމާއި، މަގު ހެއްދެވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި މަޝްރޫޢުތަކަށް އޭ.ޑީ.ބީ ގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓްގައި، އޭ.ޑީ.ބީގެ ބައިވެރިވުން އިތުރު ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އޭ.ޑީ.ބީ ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސްޓަރ ޝަމްސުއްދީން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ތަޢުރީފް ކުރައްވަމުން، ރާއްޖެއަށް އެހީ ހޯއްދަވައިދެއްވުމުގައި އިތުރަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.