ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުވެ ވަޑައިގެން، އަލަށް މަގާމާ ހަވާލުވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. ކައުންސިލްތަކުގެ ދައުރަކީ، ސަރުކާރުގެ ޕްރޮގްރާމްތައް ތަންޒީފު ކުރެއްވުން ކަމަށާއި، އަދި މާލެއަކީ ރާއްޖޭގެ އެންމެ މީހުންގިނަ ސަރަޙައްދު ކަމަށްވާތީ، އެންމެ ގިނަ ޕްރޮގްރާމްތައް ހިނގާނެ އެއްތަނަކީ، މާލޭ ސިޓީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ، ކައުންސިލްތައް މެދުވެރިކުރައްވައިގެން ސަރުކާރުގެ ގިނަ ޕްރޮގްރާމްތައް ހިންގެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލުން ހިންގަވާ ހުރިހާ ޕްރޮގްރާމްތަކެއް ހިންގެވުމުގައިވެސް، މަޝްވަރާގެ އުޞޫލުން ކަންކަން ކުރެއްވުމަށާއި، ކޮންމެ ކަމެއް ކުރެއްވުމުގައިވެސް، އެކަމަކާގުޅޭ ހުރިހާ ލިޔެކިޔުމަކާއި، އިޖްރާއީ ކަންކަން ފުރިހަމަކުރައްވާފައި ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ދުވަސްވަރަކީ، ރާއްޖޭ ވެރިކަމާއި ރަށްވެހި ކަމުގެ ތާރީޚުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކަމަށް ވިދާޅުވެ، ކޮންމެ ކައުންސިލަރަކުވެސް އެބޭފުޅެއްގެ ޒިންމާ އަދާކުރެއްވުމުގައި، އަމިއްލަ މަޞްލަޙަތަށް ވުރެ، ޤައުމާއި، ރައްޔިތުންނާއި، ޕާޓީތަކުގެ މަޞްލަޙަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ، ރައްޔިތުންގެ ވިސްނުންކަމަށްވާތީ، ކައުންސިލްގެ ޕްރޮގްރާމްތައް ހިންގެވުމުގައި ސިޔާސީ ޕާޓީތަކުގެ ވިސްނުން އަޑުއެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީ ކައުންސިލްގެ މެންބަރުގެ ފަރާތްޕުޅުން، މާލޭ ސިޓީގެ މޭޔަރ ސަރަނގު އާދަމް މަނިކު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މިހާރުގެ ސިޔާސަތަށް، ޚާއްޞަގޮތެއްގައި ސަރުކާރުގެ މެނިފެސްޓޯއަށް، ހުރިހާ ކައުންސިލަރުންވެސް ތާއީދު ކުރައްވާ ކަމަށާއި، ކައުންސިލުން އިސްކަން ދެއްވާނީ މަޝްވަރާގެ އުޞޫލުން ކަންކަން ނިންމެވުމަށް ކަމުގައި ވިދާޅުވިއެވެ.