އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ތެރޭގައި، އިންޑިޔާގެ ވެރިންނާއި އިންޑިޔާ ސަރުކާރާއެކު ވަރަށް ފައިދާހުރި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާގެ ނޫސްވެރިންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއި، އިންޑިޔާގެ ސަރުކާރުގެ އިސްބޭފުޅުންނާއި، އަދި ވެރިކަން ހިންގާ ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިޔާ ގާންދީއާ ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވި ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިގޮތުން، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީގޮތުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި، ސާކް ޤައުމުތަކުގެ މެދުގައި ޤާއިމުކުރާ ދަތުރުފަތުރުގެ ނިޒާމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ދަތުރުފަތުރުގެ ނިޒާމަކީ، މީގެ ދިހަ ވަރަކަށް އަހަރު ކުރިން ސާކް ޤައުމުތަކުގެ ވެރިން އެއްބަސްވެ ވަޑައިގެންފައިވާ ނިޒާމެއް ކަމަށާއި، ރާއްޖެއިން މިހާރު ބޭނުންވަނީ މި ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށް ކަމުގައި ވިދާޅުވިއެވެ.

ސާކަކީ، މިހާރަށްވުރެ ބާރަށް، މާ ކާމިޔާބުކަމާއެކު ކުރިއަރަމުންދާނެ ޖަމްޢިއްޔާއަކަށް ހެއްދެވުމާ ބެހޭގޮތުން އިންޑިޔާ ސަރުކާރާއެކު މަޝްވަރާކުރައްވާފައިވާނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސާކްގެ ސެކްރެޓޭރިއަޓް މިހާރަށްވުރެ ބާރުވެރިކުރުވައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ބާރާއި ދައުރު އިތުރަށް ފުޅާކޮށް، ސާކްގެ ޙަރަކާތްތައް މިހާރަށްވުރެ ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދިޔުމާބެހޭގޮތުން ސާކްގެ އެހެން ޤައުމުތަކާ މަޝްވަރާކުރައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިންޑިޔާ ސަރުކާރާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މި ނުކުތާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އިންޑިޔާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރު ކަންކުންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމަކީ، އޭގެ ކުރީއަހަރު ކޯޕަންހޭގަންގައި ބޭއްވުނު ބައްދަލުވުމަށްވުރެ ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރެއްވިއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، އިންޑިޔާގެ ތިމާވެށްޓާބެހޭ ވަޒީރު ޖައިރާމް ރަމޭޝްގެ ފުރިހަމަ އެއްބާރުލެއްވުމާއި، މި ސަމިޓުގައި އޭނާ އަދާކުރެއްވި ދައުރު ކަމުގައި ވިދާޅުވެ، މިކަމަށްޓަކައި، އިންޑިޔާ ސަރުކާރަށާއި، ޖައިރާމް ރަމޭޝަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅަކީ، ސައުތު އޭޝިޔާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)އިން ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުން ކަމުގައި ވިދާޅުވިއެވެ. އަދި މި ކޮންފަރެންސްގެ މައިގަނޑު މައުޟޫޢުތައް ކަމަށްވާ ޑިމޮކްރަސީއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، މި މައުޟޫޢުގެ ދަށުން ކުރިއަށްދިޔަ ބަޙުޘްތަކާއި މަޝްވަރާތަކަކީ، ރާއްޖެއަށް މިހާރު ވަރަށް މުހިންމު ބަޙުޘްތަކަކާއި މަޝްވަރާތަކެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވަނީ ޑިމޮކްރަސީ ޤާއިމް ކުރެވި، ބާރުތައް ވަކިކުރެވި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތް ކޮށްދޭނެ ޤާނޫނު އަސާސީއެއް ތަޢާރުފު ކުރެވިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތް ކުރަމުންގެންދާ ޤައުމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ސަރަޙައްދީ އެއްބާރުލުމާއި، ރާއްޖޭގެ ތިމާވެށްޓާއި ރާއްޖޭގެ ސިޔާސީ މަސްރަޙާއި، މެދުއިރުމަތީގެ ސިޔާސީ މަސްރަޙާބެހޭގޮތުން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ، އިންޑިޔާގެ އެން.ޑީ.ޓީ.ވީ.ގެ "ވޯކް ދަ ޓޯކް" ޕްރޮގްރާމަށްވެސް މިއަދު އިންޓަރވިއުއެއް ދެއްވާފައެވެ.