ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢަށް އެހީތެރިވެވަޑައިގަތުމަށް، އިންޑިޔާ ސަރުކާރުން 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދެއްވުމަށް ހަމަޖެއްސެވިކަމަށްޓަކައި ބޮޑުވަޒީރު ސިންހަށާއި، އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މި އެހީ ދެއްވުމުގެ ކަންކަން ވީހާ އަވަހަކަށް ހަމަޖެހިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމަށް އިންޑިޔާއިން ދެއްވުމަށް ހަމަޖެހިފައިވާ އެހީތެރިކަމާއި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ ޑޮކްޓަރީ ބޭހާއި، ކުޅިވަރު ސާމާނުގެ އެހީއަށްޓަކައިވެސް، އިންޑިޔާ ސަރުކާރަށާއި، ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޓެކްނޮލޯޖީ ބޭނުން އިތުރުކުރުމުގެ އެގްރީމެންޓާއި، ބޭހާއި، ކުޅިވަރު ސާމާނު ހަދިޔާ ކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މި އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ގުޅުމާއި، އިންޑިޔާއިން ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެހިތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ އިޤްތިޞާދީ އަދި ސިޔާސީ މަސްރަޙާބެހޭގޮތުން، ޚާއްޞަގޮތެއްގައި މެދުއިރުމަތީގެ މިހާރުގެ ހާލަތާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ބޮޑުވަޒީރު މަންމޯހަން ސިންހަށް ދެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދިޔަ އަހަރު ކަންކުންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި، އިންޑިޔާއިން އަދާކުރި މުހިންމު ދައުރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އިންޑިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް "ކޮޕް 17" ބައްދަލުވުމުން ހަރުދަނާ ނަތީޖާއެއް ނެރުމަށް، ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންފުޅު ވާކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއިން އިސްނަގައިގެން ސާކްގެ ޤައުމުތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި، އިންޑިޔާއާއި، ސްރީލަންކާ ފެރީގެ ނިޒާމަކުން ގުޅާލުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި މިކަމާބެހޭ ޕްރޮޕޯސަލެއް ކުރިއަށް އޮތް ސާކް ސަމިޓަށް ހުށަހެޅުއްވުމަށް ސާކްގެ ސެކްރެޓޭރިއަޓާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީ މި މަހުގެ ތެރޭގައި ޤާއިމް ކުރެވިފައިވާކަން ފާހަގަކުރައްވަމުން، އިންޑިޔާގެ ޔުނިވަރސިޓީތަކާ ގުޅިގެން، ރާއްޖޭގެ ޤައުމީ ޔުނިވަރސީޓީ އިތުރަށް ހަރުދަނާ ކުރެއްވުމަށް ޕްރޮގްރާމްތަކެއް އެކުލަވާލެއްވުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ބޮޑުވަޒީރާ މަޝްވަރާ ކުރެއްވިއެވެ.

ދުނިޔޭގެ އިޤްތިޞާދާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމާ ދެބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރާއްޖެފަދަ ހަމައެކަނި އިމްޕޯޓަށް ބަރޯސާވެފައިވާ އިޤްތިޞާދުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމުގައި މަންމޯހަން ސިންހް ވިދާޅުވިއެވެ.