ރާއްޖެއަކީ ވަރަށް ބާރަށް ބަދަލުވަމުން އަންނަތަނެއް ކަމަށާއި، މީގެ ދެމަސްކުރީގައި ރާއްޖޭގެ ޙަޤީޤަތްތަކާއި، އަދި މީގެ އަހަރެއް ކުރީގެ ރާއްޖޭގެ ޙަޤީޤަތްތަކާ މިއަދާ ވަރަށް ތަފާތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނިއުދިއްލީގައި ކިޔަވަން ތިބި ދިވެހި ކުދިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރާއްޖެ އޮތީ އިއްޔެގައި އޮތް ގޮތަކަށްނޫން ކަމަށާއި، އެ ބާރު ސްޕީޑުގައި ރާއްޖެ ބަދަލުވަމުންދާއިރު، ކިޔަވާ ކުދިން ޙަޤީޤަތުގައި ތައްޔާރުވަމުންދަނީ އެ ބަދަލުތަކުގައި ޙިއްޞާވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެބަދަލުތަކަށްޓަކައި ހުނަރާއި ޢިލްމާއި، އަދި ހޭލުންތެރިކަން ބޭނުންވާ ކަމަށާއި، ދުނިޔޭގެ ކަންކަން ހިނގާގޮތް ސާފުވެ، ފުޅާ ވިސްނުމުން ވިސްނުން އެއީ، މިވަގުތު ކޮންމެހެންވެސް މި ރާއްޖެއަށް ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުން އެއްވެސް ކަމެއްގައި ހަނިކޮށް ބަހައްޓައިފިނަމަ، އަމިއްލަ ހުށިޔާރުކަމާއި ނުވަތަ އަމިއްލަ ނަފުސާއި ޖިސްމުގެ ކުޅެދުންތެރިކަމާއި ހުނަރުވެރިކަން އަޅުގަނޑުމެންނަށް ރަނގަޅަށް އޮންނަނީ ބޭނުންނުކުރެވިފައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ކަންކަމާގުޅޭގޮތުން ފުޅާކޮށް ވިސްނުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، ޢާންމުކޮށް ކަމެއްގައި އަޅުގަނޑުމެންނަށް ދެކެވިފައި އޮންނަ ދެކުން އެއީ، ކޮންމެހެނެއް އަބަދު ޙަޤީޤަތަކަށް ނުވަތަ އޮތްގޮތް ކަމަށް ވާކަށެއް ނުޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކިޔެވުމުގެ ދުވަސްވަރަކީ، ވަރަށް އުފާވެރި ދުވަސްވަރަކަށް ހެދުމަކީ، ރަނގަޅު ނަތީޖާއެއް ނެރުމަށް ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވަމުން، ހާސްކަމުގައި ނުވަތަ ކަންބޮޑުވެ ތިބެ، ރަނގަޅަށް ކިޔެވުން އެއީ، އަބަދުވެސް މާ ފަސޭހަކަމަކަށް ނުވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރަމުންދާއިރުގައި އެއްކުއްޖަކު އަނެއް ކުއްޖަކާ އަޅާލައި، ކަންކަން ހިނގާގޮތް ބަލައި، އެހީތެރިވެދީ، ކަންކަމުގައި ކުރިއަށްދިޔުމަށް އެކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.