ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްޤީއާއި، އިޤްތިޞާދީ ކުރިއެރުން ހޯދޭނީ ހަމައެކަނި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސައުތު އޭޝިޔާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)އިން އިންތިޒާމް ކޮށްގެން، އިންޑިޔާގެ ނިއުދިއްލީގައި މިއަދު ހެނދުނު ފެށުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއް ކަމަށްވާ، "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަން ޑިމޮކްރަސީއާއި، އިޤްތިޞާދީ މިނިވަންކަމާއި، ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ، ކޮންމެ ޤައުމެއްގެ ތަރައްޤީއަށްޓަކައިވެސް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ މިއީ ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ، މި ކަންކަން ފުރިހަމަކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަރުދަނާ ޑިމޮކްރަސީއަކީ ހަމައެކަނި ބާރުތައް ވަކިކުރެވި، ރައްޔިތުންނަށް ވޯޓު ދިނުމުގެ ޙައްޤުތައް ހޯދައިދިނުން ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ހަރުދަނާކަމާއި ކާމިޔާބުކަމާއެކު ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި، ރައްޔިތުންނަށް އެމީހުންގެ އަސާސީ މިނިވަންކަން ކަށަވަރު ކޮށްދޭންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޑިމޮކްރަސީއެއްގެ ތެރެއިން ރައްޔިތުންނަށް، އެމީހުންގެ އަސާސީ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓަކައި، ހަރުދަނާ ސިޔާސީ ޕާޓީތަކާއި، ހަރަކާތްތެރި މަދަނީ މުޖްތަމަޢަކާއި، ބިރެތްނެތި މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނެ މީޑިއާގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް، އެމީހުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ މިނިވަންކަމުގެ އިތުރުން، ޤައުމީ ތަރައްޤީއާއި ވިޔަފާރީގެ ރޮނގުންވެސް، ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ވިޔަފާރި ކުރިއެރުވުމުގައި ސަރުކާރު ދައުރަކަށްވާނީ، ވިޔަފާރީގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް އަތުވެދާނެފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ ގަވާއިދުތަކާއި، ޤާނޫނީ އޮނިގަނޑު އެކަށައަޅައި ތަންފީޒުކުރުން ކަމަށާއި، ވިޔަފާރި ކުރުމަކީ ސަރުކާރުގެ ދައުރެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިނިވަން ވިޔަފާރީގެ މާޙައުލެއްގެ ތެރެއިން ނޫނީ ރައްޔިތުން އެދޭ ތަރައްޤީ ރައްޔިތުންނަށް ހޯދައި ނުދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރުން، ރާއްޖޭގެ އެއަރޕޯޓާއި، މުވާޞަލާތާއި، ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތައް ވިޔަފާރިއަށް ހުޅުވާލައްވާފައިވަނީ މި ސަބަބަށްޓަކައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުވާލެވިފައިވާ ވިޔަފާރީގެ ތެރެއިން، ވިޔަފާރި އުޞޫލުން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދެމުން ގެންދާއިރު، ސަރުކާރުގެ އަމާޒަކަށް ވާންޖެހޭނީ، ރައްޔިތުންނަށް އަތްފޯރާ އަގެއްގައި އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑިމޮކްރަސީއާއި، ޚުދުމުޚްތާރު ވެރިކަމާ ދެމެދުގައި ހުރި ބައެއް ތަފާތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚުދުމުޚްތާރު ވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކުން، ޚުދުމުޚްތާރު ވެރިކަމެއްގެ ދަށުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ހަރުދަނާ އަވަސް ފިޔަވަޅުތައް އެޅުމުގައި މާ ކާމިޔާބު ކަމަށް ފާހަގަކުރާކުރުންތަކަށް ރައްދު ދެއްވިއެވެ. މިގޮތުން، ޚުދުމުޚްތާރު ވެރިކަމެއްގެ ދަށުގައި ޤައުމުތަކުން ހޯދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ފައިދާ ލިބޭނީ ހަމައެކަނި، ވެރިކަމާ ގާތް މަދު ބަޔަކަށް ކަމަށާއި، މިކަމުގެ ސަބަބުން، ސިޔާސީ ބާރުތައްވެސް މަދުބައެއްގެ އަތްމަތީގައި ބޭއްވުމަށް މަގުފަހިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ވެރިކަމެއްގައި، އިޤްތިޞާދީ ނިޒާމު ބިނާވެފައި އޮންނާނީ، ރައްޔިތުން ސަރުކާރަށް ސަލާންޖަހަންޖެހޭގޮތް މެދުވެރިކުރުވުމާއި، ކޮރަޕްޝަނާއި، ވެރިކަމާ ގާތްމީހުންނަށް ފައިދާ ލިބޭނެގޮތް ހޯދުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މިއީ، އޭގެޒާތުގައިވެސް ދެމެހެއްޓެނިވި ނިޒާމެއް ނޫންކަމަށާއި، މި ނިޒާމުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކުގައި ވެރިކަމާމެދު ހިތްހަމަނުޖެހުން އިތުރުވެ، ވެރިކަމާ ދެކޮޅަށް ތެދުވުމުގެ ރޫޙު ރައްޔިތުންގެ ހިތްތަކުގެ އާލާވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޤައުމުތަކުގައި ޑިމޮކްރަސީއާއި އަސާސީ ޙައްޤުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޤައުމުތަކުން ބޭރުގައި ޑިމޮކްރަސީ ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ޑިމޮކްރަސީ ޤާއިމުވުމަކީ، އެކަމުގެ ފައިދާ، ދެކުނު އޭޝިޔާއަށް ކުރާނެ ކަމެއް ކަމަށާއި، މެދުއިރުމަތީގެ ޤައުމުތަކާއި، ބަރުމާގައި ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކަށް ތާއީދުކޮށް އެހީތެރިވުމަކީ، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފައިދާ އެކަމުގައި އެކުލެވިގެންވާ ކަމެއްކަމަށް ގަބޫލު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.