ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ، ސައުތު އޭޝިޔާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (ސަސެޕްސް)އިން އިންތިޒާމް ކޮށްގެން މި ފެބްރުއަރީ މަހުގެ 24ގައި އިންޑިޔާގައި ފެށޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއް ކަމަށްވާ، "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް، ސަސެޕްސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވާނެއެވެ. އެމަނިކުފާނުގެ އިތުރުން، ނޯބެލް ޞުލްޙައިގެ އިނާމު ޙާޞިލު ކުރައްވާފައިވާ، ބަންގްލަދޭޝްގެ ޕްރޮފެސަރ މުޙަންމަދު ޔޫނުސާއި، އިކޮނޮމިކްސްގެ ދާއިރާއިން ނޯބެލް އިނާމު ޙާޞިލު ކުރައްވާފައިވާ އިންޑިޔާގެ ޕްރޮފެސަރ އަމަރޓްޔާ ސެންވެސް މި ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، މި ކޮންފަރެންސަކީ، ޚާއްޞަކޮށް މި ސަރަޙައްދުގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވޭ ކޮންފަރެންސެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް މިހާރު އަރާފައިވާ ޤައުމަކަށްވާތީ، ފަޤީރުކަމުން އަރައިގަތުމުގައި ގެންގުޅެވިދާނެ ސިޔާސަތުތަކާބެހޭ ތަޖުރިބާ ރާއްޖޭގައި އެބަހުރި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، ވެރިކަން ހިންގާ ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިޔާ ގާންދީއާއި، އިންޑިޔާގެ ތިމާވެށްޓާއި ބެހޭ ވަޒީރު ޖައިރާމް ރަމޭޝްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އިންޑިޔާ ސަރުކާރުގެ އިސް އެހެން މަސްއޫލުވެރިންނާވެސް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާއާއި ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މަޙްމޫދު ރާޒީ، އިންޑިޔާގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވައި، ސަރުކާރުގެ ހައުސިން ޕްރޮޖެކްޓަށް އިންޑިޔާއިން ދެއްވާ ސާޅީސް މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގައި ސޮއިކުރެއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިއްލީގައި ކިޔަވަން ތިބި ދިވެހި ކިޔަވާކުދިންނާވެސް، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.