ޔޫރަޕިއަން ޕާލަމަންޓްގެ ޑެލިގޭޝަން ފޮރ ރިލޭޝަންސް ވިތް ދަ ކަންޓްރީޒް އޮފް ސައުތު އޭޝިޔާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާއެކު ބާއްވަވާ ގާތް ގުޅުމަށާއި، ރާއްޖެއަށް ފޯރުވައިދެއްވަމުން ގެންދަވާ އިންސާނީ އެހީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމުވުމާ ގުޅިގެން، މިނިވަން ޕާލަމަންޓެއް އުފެދި، ޕާލަމެންޓްގެ ދައުރު އިތުރަށް ފުޅާވެ، ފުރިހަމަ ޑިމޮކްރަސީއެއްގައި ޕާލަމެންޓުން އަދާ ކުރަންޖެހޭ ދައުރު އަދާކުރުމުގެ މަގު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ފަހިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު، މި ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރައްވަމުން، ރާއްޖޭގެ ތަރައްޤީއަށް މަގުފަހި ކުރެއްވުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، މި ރޮނގުން ބޮޑެތޮ ކާމިޔާބީތަކެއް ޙާޞިލު ކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެފަދަ ކުދި ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއާއި، ސިޔާސީ ދާއިރާގައި އަންހެނުން ދައުރު ފުޅާ ކުރައްވައި އަންހެނުން ބާރުވެރި ކުރެއްވުމާއި، މީޑިއާގެ ދައުރު ފުޅާ ކުރެއްވުމާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތާ ބެހޭގޮތުން މި ވަފްދުގެ ބޭފުޅުން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.