ޕޯލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕްރޮފެސަރ ޕިއޯޓަރ ކްލޮޑްކޯސްކީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕޯލެންޑްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕޯލެންޑާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރައްވައި، ދެ ޤައުމު އެކީގައި މަސައްކަތް ކުރެވިދާނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިގޮތުން ޕޯލެންޑަކީ، ޑިމޮކްރަސީ ބިނާ ކުރުމުގެ ތަޖުރިބާ ލިބިފައިވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، ޕޯލެންޑްގެ ތަޖުރިބާ، ރާއްޖެއާއެކު ޙިއްޞާކޮށް، މި ރޮނގުން ޕޯލެންޑްގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ޕޯލެންޑުގެ އާ ސަފީރާ މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ޕޯލެންޑާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެއްވިދާނެ ދާއިރާތަކާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.