ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މީގެކުރިން މިބާވަތުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިނެތް ކަމަށާއި، އެންމެކުޑަކޮށް ބަލާއިރުވެސް މި މަޝްރޫއުގެ އަގު 600 މިލިއަން ޑޮލަރާ ހިސާބަށް އަރާ ކަމުގައި ވިދާޅުވިއެވެ.

ޑެންމާކް ސަރުކާރުން ކަންކަން ގެރެންޓީ ކޮށްދެއްވާތީ، މި މަޝްރޫޢަށް ދިވެހި ސަރުކާރުން ވަގުތުން ފައިސާ ދައްކަވަން ނުޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، އެހެންނަމަވެސް، ޢިމާރާތްކުރާ ގެތައް ކުންފުނިތަކަށް ވިކެން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާނީ، ނުވިކޭ ގެތައް ސަރުކާރަށް ބައްލަވައިގަންނަވާ ގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެއީ، ސަރުކާރުން ދެއްވާ ގެރެންޓީ ކަމަށާއި، ޙަޤީޤަތުގައި މުޅި މަޝްރޫޢުގެ އަގު ދައްކަވަން ތައްޔާރުވެގެން ތިއްބެވީ، ދިވެހި ރައްޔިތުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރައްވަމުން ގެންދަވާނީ، އަމާނާތްތެރިކަމާއެކު އިސްރާފު ކުރެއްވުމެއްނެތި، އެއިރަކަށް އެންމެ ބޭނުންވާ ކަންކަން އެއިރަކު ކުރައްވާ ގޮތަށް ކަމުގައިވެސް ވިދާޅުވިއެވެ.

ގުޅީފަޅުގެ ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގައި، ގުޅީފަޅުން މަދުވެގެން 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި 40 ހެކްޓަރު ބިމަކީ، މާލޭގެ ބައެއްގެ ގޮތުގައި، މީހުން ދިރިއުޅޭ ޓައުންޝިޕެއްގެ ގޮތުގައި ތަރައްޤީ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ބިމެކެވެ. މި ބިމުގައި މީހުން ދިރިއުޅުމަށްޓަކައި، ތަފާތު ތިންފަންތިއެއްގެ 2500 ގެ ޢިމާރާތްކޮށް، މީހުން ދިރިއުޅުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއި، ޚިދުމަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2012ގެ ނިޔަލަށް މި ފިޔަވަހީގެ ރެޒިޑެންޝަލް އޭރިޔާ ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ނިމި، މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީން މަޢުލޫމާތު ދެއްވައެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިމޭއިރު، ވިލިނގިއްޔާއި ގުޅީފަޅު، ބްރިޖަކުން ގުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށްޓަވައި ދެއްވުމަށްފަހު، ގުޅިފަޅުގެ ފުރަތަމަ މަގަށް ނަން ދެއްވުމުގެ ޙަފްލާ، ގުޅިފަޅުގައި އޮތެވެ. މި މަގަށް "ކޯޕަންހޭގަން މަގު" މިނަން ދެއްވައި މަގު އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ޑެންމާކު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފްރެޑީ ސްވާންއެވެ.