بسـم الله الرّحمـن الرّحيـم

އާދެ! މިއަދު ބައިނަލްއަޤްވާމީ ނުކުޅެދުންތެރިންގެ ދުވަހާ ގުޅިގެން، ރާއްޖޭގައި މިފަދަ ޙަރަކާތެއް ރާއްވަވައިގެން ހިންގަވާ ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި ޚާއްޞަކޮށް، ކެއަރ ސޮސައިޓީގެ ފަރާތުން މިކަން އިންތިޒާމު ކުރެއްވި ކަމަށްޓަކައި އެފަރާތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ނުކުޅެދޭ މީހުންނަކީވެސް ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން. ދިވެހި ރައްޔިތުން. ހަމަ ދިވެހި ޤާނޫނުއަސާސީއާއި، އެހެނިހެން ޤާނޫނުތަކުގެ ޙިމާޔަތް އެއްވަރަކަށް ލިބިގެންދާ މީހުން. ދިވެހި ޤާނޫނުގެ ކުރިމަތީގައި ހުރިހާ މީހުންނަކީވެސް ހަމަހަމަ މީހުން. ނުކުޅެދުމެއް، ނުކުޅެދުން ނެތުމެއް، މިއީކީ ތަފާތުކުރަންޖެހޭ ކަމެއް ނޫން. އަދި ޚާއްޞަކޮށް، މިއަހަރުގެ ތެރޭގައި، ނުކުޅެދުންތެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ވަކި ޤާނޫނެއް، ރައްޔިތުންގެ މަޖިލިސްގެ ފަރާތުން ފާސްކުރިކަން އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ ޚާއްޞަކޮށް، ސަރުކާރުގެ ފަރާތުން ރާވައިގެން ހިންގާ ކަންކަމުގައި، ނުކުޅެދުންތެރިންނަށް ލިބެންޖެހޭ ޙައްޤުތައް ލިބިދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށްގެން، އެކަންކަން ތަންފީޒު ކުރުން. އެނގިވަޑައިގަންނަވާނެ ފަދައިން، މިއަހަރުގެ ތަރައްޤީގެ މަޝްރޫޢުތައް މިހާރުވަނީ ރޭވިފައި. ބަޖެޓް ވަނީ މަޖިލީހަށް ހުށަހެޅިފައި. އެ ބަޖެޓް ކަނޑައެޅިފައިވަނީ، ވަކިވަކި ޕްރޮގްރާމްތަކެއް ރާވައި ހިންގުމަށް. އަޅުގަނޑު ހުށަހަޅަން، މީގެން ހުރިހާ ޕްރޮގްރާމްތައްވެސް އަލުން ބަލައި، އެ ޕްރޮގްރާމްތަކުން ނުކުޅެދުންތެރިންނަށް ލިބެންޖެހޭ ޙައްޤުތައް ލިބިދެވޭނެ ގޮތްތައް ދެނެގަނެގެން، އެކަންކަން ކުރަން. އެގޮތުން މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫޢުތައްވެސް، ޑިސްއެބިލިޓީ އޮޑިޓެއް ހިންގުން އެއީ އަޅުގަނޑަށް ވަރަށް ބޮޑަށް ފެންނަ ކަމެއް. ކޮންމެ މަޝްރޫޢެއް ބަލައި، އެއިން ކުރާ ކަންތައްތަކުން ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކޮށް، އެ ކުރާ ކަމެއްގެ ފައިދާ ލިބޭނީ ކިހިނެއްތޯ ބަލައި، ޚާއްޞަކޮށް، ނުކުޅެދުންތެރިންނަށް އެ ޚިދްމަތްތައް ދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަނެގެން، އެކަންކަން ކުރަން އަޅުގަނޑު ގޮވާލަން.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ނުކުޅެދުންތެރިންނަކީ އެހާ މަދު ބަޔެއް ނޫން. އަޅުގަނޑުމެން ހީކުރާހާ މަދު ބަޔެއް ނޫން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކޮންމެ ޤައުމެއްގައިވެސް، އެޤައުމެއްގެ ގާތްގަނޑަކަށް 10 އިންސައްތަ މީހުންނަކީ، ކޮންމެވެސް ބާވަތެއްގެ ނުކުޅެދުމެއް ހުންނަ މީހުން. އެހެންވީމާ، އެއީކީ އެހާ މަދު ބަޔެއްވެސް ނޫން. އަނެއްކާ ނުކުޅެދުމަކީ އެއީ ވަރަށް ޅަފަތުގައި ގިނަ މީހުންނަށް އެކަމަށް ޚާއްޞަ ފަރުވާ ދެވިއްޖެ ކަމުގައިވާނަމަ، ރަނގަޅު ކުރެވޭ ކަންކަން. އެހެންވީމާ، ހަމަ މިހާރު އަޅުގަނޑު ދަންނަވަން، ޚާއްޞަ ގޮތެއްގައި، ޅަފަތުގައި ނުކުޅެދުން ދެނެގަތުމަށްޓަކައި ކުރަންޖެހޭ ކަންކަން ވަރުގަދަކޮށް، ޑޮކްޓަރުންނާއި އަދި ކުޑަކުދިންގެ ޚިދްމަތްތައްދޭ މީހުންނަށް ދޭންޖެހޭ ތަމްރީނުދީ، ޅަފަތުގައި ނުކުޅެދުން ދެނެގަނެގެން، އެކަންކަމަށް ފަރުވާދިނުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެ ފަރުވާ އެގޮތަށް ދެވޭކަމަށްވާނަމަ، ވަރަށްގިނަ ނުކުޅެދުންތަކަކީ، އެއީ ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ ކަންކަން.

އެހެންވީމާ، އެންމެ ފުރަތަމަ އަހަންމިއްޔަތެއް އަޅުގަނޑުމެން ދޭންޖެހޭނީ، ޅަފަތުގައި ކުދިންނަށްދޭ ފަރުވާއަށް. އަދި އެއަށްފަހުގައި، ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ނުކުޅެދުންތެރިންގެ ޙައްޤުތައް، އެމީހުންނަށް ލިބިދިނުމަށްޓަކައި މުޅި މުޖްތަމަޢާއި، ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ ކުންފުނިތަކާ، މިހުރިހާ ފަރާތްތަކުންވެސް ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، އެހުރިހާ ފަރާތްތަކަކުންވެސް އެ މަސްއޫލިއްޔަތުތައް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް އޮތް ތާނގައި ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި މިއަދު އަޅުގަނޑުމެން އާ ޢަޒުމެއްގައި، ނުކުޅެދުންތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެހީތެރިވެދިނުމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެންވެސް ކަނޑައަޅަން އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑަށް މިފުރްޞަތު ދެއްވި ކަމަށްޓަކައި ޝުކުރިއްޔާ!

والسّــلام عليــكم
______________________