ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހަށް މިއަދު އިހްތިރާމް ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން، ސާކްގެ ސެކްރެޓެރީ ޖެނެރަލް ގެ މަގާމަށް ދިޔާނާގެ ނަންފުޅު ހުށަހެޅުއްވީ، އެކަމަނާގެ ޤާބިލުކަމާމެދު، ލިބިވަޑައިގެންފައިވާ ޔަޤީންކަމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދައުރުގައި ސާކްގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަމުގެ ފައިދާ، ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދައުރުގައި، މުޅި ދެކުނު އޭޝިޔާއަށް އިތުރު ކުރިއެރުން ލިބި، އަދި ޚާއްޞަ ގޮތެއްގައި ސާކަކީ ހަރުދަނާ ސަރަޙައްދީ ޖަމާޢަތަކަށް ވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމަނާއަށް ކުރެއްވި އިތުބާރަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ސާކްގެ ސެކްރެޓޭރިއަޓްގެ ދައުރު އިތުރަށް ފުޅާ ކުރައްވައި، ސާކްގެ ކާމިޔާބީ ވަޒަން ކުރުމުގެ ނިޒާމް އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.