އިނގިރޭސި ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޯން ރެންކިން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އާ ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގައި ޑިމޮކްރަސީ ތަޢާރަފް ކުރައްވައި، ޑިމޮކްރަސީ އަށަގެންނެވުމުގައި އިނގިރޭސި ވިލާތުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި، އިނގިރޭސި ސަރުކާރަށާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިނގިރޭސި ސަފީރު މަޝްވަރާކުރެއްވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ނިމިދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށްފަހު، ރާއްޖެއިން މިހާރު މި ކުރިމަތިލަނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހިންގުމާ ކަމަށް ވިދަޅުވިއެވެ. އަދި މިއީ، ރާއްޖޭގައި އަލަށް ތަޢާރަފް ކުރެވޭ ނިޒާމަކަށްވާތީ، މިކަމުގައި ކުރިމަތިލާން ޖެހިފައިވާ ތަފާތު ގޮންޖެހުންތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެދުއިރުމަތީގައި، އެޤައުމުތަކުގެ ރައްޔިތުން ޑިމޮކްރަސީއަށް ގޮވާލާ ގޮވާލުންތަކަށް އިޝާރާތް ކުރެއްވިއެވެ. އަދި މި ގޮވާލުންތަކާމެދު ޖެހިލުންނުވެ، މި ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލާ ރައްޔިތުންނަށް ތާއީދު ކުރެއްވުމަށް، ހުޅަނގުގެ ޤައުމުތަކަށް ޚާއްޞަގޮތެއްގައި އިނގިރޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ލޯކަލް ކައުންސިލުގެ ނިޒާމު ވަރުގަދަކުރެއްވުމަށް، އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް، އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން މެދުވެރި ކުރައްވައި އެހީ ހޯއްދަވައިދެއްވުމަށާއި، އިޤްތިޞާދީ ގޮތުން ތަފާތު އެހިތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އިނގިރޭސި ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޖޯން ރެންކިން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙްމަދުދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.