އިނގިރޭސިވިލާތުގެ ޕާރލަމެންޓްގައި ސޯލްސްބަރީ ތަމްސީލު ކުރެއްވި، ކުރީގެ ޕާރލަމެންޓް މެންބަރު ރޮބަރޓް ކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ، އިސްލާމީ ޤައުމެއްގައި، ކާމިޔާބު ކަމާއެކު ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމު ކުރެވުނު ފުރަތަމަ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، މިހާރު މިޞުރާއި މެދުއިރުމަތީގެ ގިނަ ޤައުމުތަކުގައި، ޑިމޮކްރަސީ ޤާއިމު ކުރުމަށް އެދި އެ ޤައުމުތަކުގެ ރައްޔިތުން ގޮވާލަމުންދާ ގޮވާލުންތަކަކީ، ރާއްޖޭގައި ޑިމޮކްރަސީއަށް ގޮވާލާ ކުރެވުނުފަދަ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރޮބަރޓް ކީ ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ޤައުމެއްގައި ޞުލްޙަވެރިކަމާއެކު ޑިމޮކްރަސީ ޤާއިމު ކުރުމުގެ ފުރިހަމަ ނަމޫނާއެއް ރާއްޖެއިން ދުނިޔެއަށް ދައްކާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމު ކުރެވުނުފަހުން، ރާއްޖެއިން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ރޮބަރޓް ކީ ފާހަގަކުރެއްވިއެވެ.

ރޮބަރޓް ކީ އަކީ، 1983 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރަށް އިނގިރޭސިވިލާތުގެ ޕާރލަމެންޓްގައި ސޯލްސްބަރީ ތަމްސީލު ކުރައްވާފައިވާ ބޭފުޅެކެވެ. ރޮބަރޓް ކީ ވަނީ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗަރގެ ސަރުކާރުގައި، މިނިސްޓަރ ފޮރ ލޯކަލް ގަވަރންމަންޓް ފައިނޭންސް އެންޑް އިނަރ ސިޓީ ރީޖެނެރޭޝަންކަމުގެ މަގާމު 1990 އިން 1992އަށް ފުރުއްވާފައެވެ. އަދި ކުރީގެ ބޮޑުވަޒީރު ޖޯން މޭޖަރގެ ސަރުކާރުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ހެރިޓޭޖުގެ ޖޫނިއަރ މިނިސްޓަރެއްގެ މަގާމާއި، މިނިސްޓަރ ފޮރ ޓްރާންސްޕޯޓްގެ މަގާމުވެސް ފުރުއްވާފައިވެއެވެ. މީގެއިތުރުން، ރޮބަރޓް ކީ ވަނީ އިނގިރޭސި ޕާރލަމެންޓުގަޔާއި، ކޮންޒަރވެޓިވް ޕާޓީގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.