ރާއްޖޭގައި ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށާއި އެކުދިން ޙިމާޔަތް ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި އިއްޔެ ފެށުނު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކަމާބެހޭ ހުރިހާ ދާއިރާތައް އެކުގައި މަސައްކަތްކުރުމުގެ ޤައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ކުޑަކުދިން ޙިމާޔަތް ކުރުމުގެ މަސައްކަތަށް އެންމެ އެކަށީގެންވާ ނަތީޖާއެއް ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ، މިކަމުގައި ޝާމިލްވާ ތަފާތު އޭޖެންސީތައް އެކުގައި މަސައްކަތް ކުރަންވީ މިންވަރަށް މަސައްކަތް ނުކުރެވުންކަން ފާހަގަކުރެއްވިއެވެ. އަދި، މި މަހާސިންތާއިން އެކުލަވާލި ޤަރާރުގައި، މިކަމާބެހޭ މަސައްކަތް ވިލަރެސް ކުރެއްވުމަށް ދާއިމީ ކޮމިޓީއެއް ހައްދަވަން ހުށަހަޅުއްވާފައިވާތީ އެކަމަށް ނައިބު ރައީސް މަރުޙަބާ ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރެވޭ އެކި ބާވަތުގެ އަނިޔާ ހުއްޓުވައި އެކުދިން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، މުޖުތަމަޢުގައި ކުޑަކުދިންނަށް ކުރެވޭ އަނިޔާއާއި، ކުޑަކުދިންނާމެދު ހިންގާ އަނިޔާ ހިންގާގޮތާ ބެހޭ ގޮތުން މުޖުތަމަޢުއާއި އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި، ކުޑަކުދިންނަށް ލިބޭ އަނިޔާގެ ސަބަބުން ކުޑަކުދިންނަށާއި، އާއިލާތަކަށާއި، މުޖުތަމަޢަށް ލިބޭ ގެއްލުން ދެނެގަނެ، އެކަމުގެ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފަތުރަން ޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އާއިލާތަކަށް އެހީތެރިކަން ފޯރުވައިދީ، އާއިލާތަކުގައި ތިބި ނިކަމެތި ކުދިން ދެނެގަނެ، އެކުދިންނަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުމާއި، މިކަންކަން ކުރުމުގައި، ސޯޝަލް ވަރކަރުންގެ ދައުރުގެ މުހިންމުކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޑަކުދިން ޙިމާޔަތް ކުރުމަށްޓަކައި، ކުޑަކުދިންނަށް އަނިޔާ ލިބުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި ކުށްކުރާ ކުޑަކުދިންނާއި ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ، ކުށްކުރާ ކުދިންގެ މައްޗަށް ޢަދާލަތު ތަންފީޒު ކުރުމުގައި، ކުށްކުރާ ކުދިންނަށް އިތުރު އަނިޔާއެއް ދިނުމުގެ ބަދަލުގައި، އެކުދިން ރަނގަޅުކޮށް އަނބުރާ މުޖްތަމަޢަށް ގެނެވޭނެ ގޮތަކަށް ޢަދާލަތު ރާވައިހިންގުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ކުޑަކުދިން ޙިމާޔަތްކޮށް އެކުދިންނަށް ލިބޭ އަނިޔާ ހުއްޓުވުމަކީ، ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، މި ކަމުގައި ސަރުކާރާއި މަދަނީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުންވެސް ވަރަށް މުހިންމު ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ސޯޝަލް ވަރކަރުންގެ ކޯޑް އޮފް ކޮންޑަކްޓް، ނައިބު ރައީސް އިފްތިތާޙް ކޮށްދެއްވިއެވެ.

އިއްޔެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި މަހާސިންތާއަކީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއާއި، ޔުނިސެފް ގުޅިގެން ބޭއްވެވި މަހާސިންތާއެކެވެ.