ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އަރިހަށް، މެލޭޝިޔާގެ ސަފީރު މިސްޓަރ ރޮޒްލީ އިސްމާޢީލް، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަޢުލީމީ ސިޔާސަތާ ބެހޭ މަޢުލޫމާތު، ނައިބު ރައީސް، މެލޭޝިޔާގެ ސަފީރާ ޙިއްޞާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ގުޅުން ބަދަހިވެފައިވާ މިންވަރު ނައިބު ރައީސް ފާހަގަކުރައްވައި، މަތީ ތަޢްލީމުގެ ދާއިރާއިން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެއްވެންހުރި ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އަލަށް އުފެދުނު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިތުރަށް ހަރުދަނާ ކުރެއްވުމަށް މެލޭޝިޔާއިން ފަންނީ އެހީތެރިކަން ލިބުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، މިސްޓަރ އިސްމާޢީލަށް، ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މެލޭޝިޔާގައި ދިރިއުޅޭ ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ކިޔަވާކުދިންނަށާއި، މެލޭޝިޔާއަށް ދަތުރުކުރާ ވަރަށް ގިނަ ދިވެހިންނަށް މެލޭޝިޔާ ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، މެލޭޝިޔާ ސަރުކާރަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިސްޓަރ ރޯޒްލީ އިސްމާޢީލް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރު ކަމުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.