ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ހާނީއްކަ ކުރުން އިތުރުވެފައިވަނީ ނުތަނަވަސްވާ މިންވަރަކަށްކަމަށާއި، މި ޤައުމުގެ މުސްތަޤްބަލަށްޓަކައި މި ކަންކަން ވަރިހަމަކޮށްގެން ތިބެވޭކަށް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި، މި ރާއްޖޭގެ ކުޑަކުދިންނާއި، ޚާއްޞަ ގޮތެއްގައި، މި މުޖްތަމަޢުގައި އުޅޭ ބަލަހައްޓާނެ އެހެން އެއްވެސް ފަރާތެއްނެތް ނިކަމެތި ޟައީފް ކުއްޖާ ބެލޭނެ އިންތިޒާމެއް ހަމަނުޖެއްސެންޏާ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މި މޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ، ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު ފެށުނު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކަމާބެހޭ ހުރިހާ ދާއިރާތައް އެކުގައި މަސައްކަތްކުރުމުގެ ޤައުމީ މަހާސިންތާ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައެވެ.

ކުޑަކުދިންގެ ސަލާމަތާއި ކުޑަކުދިންގެ ޙިމާޔަތަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މިއީ، ސަރުކާރު އުފެދުމުގެ ކުރީގައިވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގައި، ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ބަޔަކީ، މުޅި މުޖްތަމަޢު ކަމަށާއި، އެކަމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރާ ހާނީއްކާ ހުއްޓުވައި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ސަރުކާރުގެ ސިޔާސަތަކީ ސީދާ ކުއްޖާއަށް ޚަރަދު ކުރެއްވުން ކަމަށާއި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން، ނިކަމެތި ކުއްޖާ ހޯއްދަވައި، އެކުއްޖާއަށް އެ ފައިދާ ރަނގަޅު ގޮތުގައި ލިއްބައިދެވޭނެ ބެލެނިވެރިއެއް ނުވަތަ އެހެންވެސް ފަރާތެއް ހޯއްދަވައި އެ ފަރާތަށް ޚަރަދު ކުރައްވައިގެން އެކުއްޖާ ބެލެހެއްޓޭނެ އިންތިޒާމެއް، ނިޒާމެއް ހޯއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސީދާ ކުއްޖާއަށް ޚަރަދު ކުރައްވައިގެން ކުޑަކުދިންނަށް ސަލާމަތްކަން ހޯއްދަވައިދެއްވުމަށް ކުރެވޭ މަސައްކަތުގެ ފައިދާ، އޭގެ ވަށައިގެން އިންތިޒާމްތައް ހަމަޖައްސަވައި ނިޒާމްތައް އެކުލަވާލެއްވުމަށް ކުރެވޭ ޚަރަދުގެ ފައިދާއަށްވުރެ، މާބޮޑުތަނުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނަށާއި، މުޖްތަމަޢުގައި އުޅޭ ނިކަމެތިންގެ ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ކުރައްވާ މަސައްކަތުގެ ފައިދާ، މިނޭނެ މިންގަނޑެއް، މި މަހާސިންތާގެ ތެރެއިން ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ރައްޔިތުންނާއި ކުޑަކުދިންގެ ޙިމާޔަތް ހޯއްދަވައި ދެއްވުމަށްޓަކައި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ޔަތީމު ކުދިންނަށާއި، އެކަނިވެރި މައިންނަށް ޚަރަދު ކުރުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ޚަރަދެއް ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތަރައްޤީއަށް ކުރާ ޚަރަދަކީ، ބަނދަރާއި، އެއްގަމު ތޮށްޓާއި، އެހެންވެސް ޢިމާރާތްތައް ކުރުމަށް ކުރައްވާ ޚަރަދު ނޫންކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރައްވަމުން، ދަރިފުޅު ނުވަތަ އަންނާން އޮތް ޖީލު ސަލާމަތް ނުކުރެވިއްޖެނަމަ ރަށުގެ ތަރައްޤީއެއް، ޤައުމުގެ ތަރައްޤީއެއް ނުހޯދޭނެކަން މުޅި ރާއްޖޭގެ ރައްޔިތުންނަށް އެބަ ސާފުވާންޖެހޭކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރާއްޖެއަކީ މިކަން ޙައްލު ނުކުރެވޭވަރުގެ ފަޤީރު ޤައުމެއްނޫން ކަމަށާއި، ޚަރަދުތައް ރަނގަޅުގޮތުގައި ކުރަނީނަމަ އެއިން ރަނގަޅު ނަތީޖާ ނުކުންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އެޅޭ ބޮޑު އިމާރާތަކުން ކުޑަކުދިން ރައްކާތެރިވާނެ ވަކި އިތުރު ގޮތެއްނެތްކަން ފާހަގަކުރައްވަމުން، ޚަރަދު ކުރައްވާއިރުގައި ނަތީޖާ ނުކުންނަ ޚަރަދު ނޫނީ ނުކުރެއްވުމަށް، ސަރުކާރުގެ ހުރިހާ މިނިސްޓްރީ ތަކަށާއި، އ.ދގެ އޭޖެންސީތަކާއި، އަދި އެހެންވެސް އެހީދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.