ތިލަފުށި އިންޑަސްޓްރިއަލް ޒޯން ހިއްކުމުގެ މަސައްކަތް ހިނގާފައިވާގޮތް ބައްލަވައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ހިނގާފައިވާނަމަ، އެކަމަކާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގަވައިފިއެވެ. އެމިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފޮނުއްވި ސިޓީއެއްގައި މިކަން މި އެންގެވީ، ހެވީލޯޑް މޯލްޑިވްސްއާ ޙަވާލުކޮށްގެން ތިލަފުށީ ކޯޕަރޭޝަނުން ކުރިއަށް ގެންދަވާ ކ. ތިލަފުށީގެ އިންޑަސްޓްރިއަލް ޒޯން ހިއްކުމުގެ މަޝްރޫޢުގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ، އެމަޝްރޫޢު ހުއްޓާލެއްވުމަށާއި، އަލުން ބިޑްކޮށްގެން ބަޔަކާ ޙަވާލުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގެވުމާ ގުޅިގެންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ތަންތަން ކަމަށްވާތީއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނީ ބާރު ލިބިދީފައިވާ މިނިވަން މުއައްސަސާއަކަށްވުމާއެކު، އެމުއައްސަސާއަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް އިޙްތިރާމް ކުރައްވަންވާނެ ކަމަށާއި، އަދި ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފިނަމަ، އެ ކޮމިޝަނުން އެންގެވި ގޮތަކަށް، އެ އިދާރާއަކުން ވަގުތުން ޢަމަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 21 އޮކްޓޯބަރ 2010 ގައި ނެރުނު 62 ނަންބަރު ދެންނެވުމުން އަންގަވާފައިވުމާއެކު، މިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.