ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޢައްޔަން ކުރައްވައި، އެމަނިކުފާނަށް އެކަމުގެ ލިޔުން ދެއްވައިފިއެވެ. ލިޔުން ދެއްވުން އޮތީ، ޤައުމީ ޔުނިވަރސޓީ ޤާއިމު ކުރެއްވުމަށް މިއަދު ހެނދުނު 10 ޖެހިއިރު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ ލިޔުން ދެއްވުމަށްފަހު، ޔުނިވަރސިޓީގެ ސިއްކަ، ޑޮކްޓަރ ލުޠުފީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވިއެވެ. އަދި އޭގެކުރިން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމު ކުރެއްވުމުގެ ޤަރާރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޞިފާ މުޙަންމަދާ ޙަވާލުކުރެއްވިއެވެ.