ޖަރުމަނުގެ ޑުސެލްޑޯރފްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް މިސްޓަރ ޔާގަން ވިއާތު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ މަޢްލޫމާތު، މިސްޓަރ ވިއާތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ޚާއްޞަގޮތެއްގައި، މެދުއިރުމަތީގެ ޤައުމުތަކުގައި ޑިމޮކްރަސީ ޤާއިމު ކުރުމަށް އެޤައުމުތަކުގެ ރައްޔިތުން އިސްނަގައިގެން ކުރާ މަސައްކަތުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕުގެ، ކުރިއަރާފައިވާ ޑިމޮކްރެޓިކް ޤައުމުތަކުން، މިޞްރާއި، މެދު އިރުމަތީގެ ޤައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދޭންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
 
މި ބައްދަލުކުރެއްވުމުގައި، މިސްޓަރ ވިއާތު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭރުގެ، ޚާއްޞަގޮތެއްގައި ޖަރުމަނުގެ އިތުރުން، ޔޫރަޕުގެ އެހެން ޤައުމުތަކުން އިންވެސްޓްމަންޓް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
 
މިސްޓަރ ޔާގަން ވިއާތަކީ، ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅެއްވި ސަފީރުގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.