ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އަރިހަށް، އިންޑިޔާގެ ޓްރިޕޫރާ ސްޓޭޓްގެ ގަވަރނަރ ޑޮކްޓަރ ޑީ. ވައި. ޕާޓިލް، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދާއި، ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ނައިބު ރައީސް، ޓްރިޕޫރާގެ ގަވަރނަރާ ޙިއްޞާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި ޓްރިޕޫރާ ސްޓޭޓާ ދެމެދު ގުޅުން ބަދަހި ކުރެއްވެން ހުރި ދާއިރާތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވައި، މަތީ ތަޢުލީމުގެ ދާއިރާއިން ރާއްޖެއާއި ޓްރިޕޫރާ ސްޓޭޓާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެއްވެން ހުރި ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
 

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިޞުރުގައި ކިޔަވަން ތިބި ދިވެހި ކުދިން، މިޞުރުގެ މަސްރަޙު ގޯސްވުމާ ގުޅިގެން، އަނބުރާ ރާއްޖެ ގެނައުމަށްޓަކައި އިންޑިޔާ ސަރުކާރުން ވަރަށް އަވަހަށް އެހީތެރިކަން ފޯރުއްވައިދެއްވި ކަމަށްޓަކައި، އިންޑިޔާ ސަރުކާރަށާއި، އިންޑިޔާ ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.