މާލެއަތޮޅު ތިލަފަޅުގައި، ތިލަފުށީ ކޯޕަރޭޝަނުން ތަރައްޤީ ކުރައްވާ ތިލަފަޅު އިންޑަސްޓްރިއަލް ޒޯން ތަރައްޤީ ކުރެއްވުމަށް، ތިލަފަޅުން ބިންހިއްކުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފަށްޓަވައިދެއްވައިފިއެވެ.

 
ތިލަފުށީގައި މިކަމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢު ޢަމަލީގޮތުން ފެށި، ތިލަފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 13 މިލިއަން އަކަފޫޓްގެ ބިން، މާލެއާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުޞަތު އަވަހަށް ލިބި، މާލޭގެ ގުދަންތަކާއި، އަދި މާލޭގެ އެހެންވެސް އެކިއެކި މަސައްކަތްތަކަށް، ބޭނުންވާ ބިން ލިބިގެންނޫނީ، އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީ، މާލެއަށާއި ރާއްޖެއަށް ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މާލެއަކީ، ދުނިޔޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިއޮތް އެއްބިންކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލޭގައި ދިރިއުޅެން ޖެހިފައި އޮތްއިރު، އަދި ދުވަހުން ދުވަހަށް މާލޭގެ އާބާދީ ބޮޑުވަމުންދާއިރު، މާލޭގެ މައްސަލަތަކަށް ޙައްލެއް ހޯއްދެވުން ފަސްކުރެއްވެން ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އެކިއެކި ފަރާތްތަކަށް ބިން ކުއްޔަށް ދިނުމާއި، ބިން ވިއްކުމުގެ މަސައްކަތް، ތިލަފުށީ ކޯޕަރޭޝަނުން 2012 ވަނަ އަހަރު ފެށްޓެވުމުންނާއި، އަދި ދަތުރުފަތުރުކުރުމުގެ ރަނގަޅު ނިޒާމަކުން މާލެއާއި ތިލަފުށްޓާ ގުޅާލެވުމުން، މާލެއަށް ވަރަށް ބޮޑުތަނުން ލުއިވެ އަދި ރާއްޖޭގެ އެތައް ވިޔަފާރިއަކަށް މީގެ ފައިދާ ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ތިލަފަޅުން އަލަށް ހިއްކޭ، ތިލަފަޅު އިންޑަސްޓްރިއަލް ޒޯނުގައި، 15 ހާސް ޓަނުގެ ބޯޓުފަހަރު ކައިރިކުރެވޭ ބަނދަރަކާއެކު، 3.8 މިލިއަން އަކަފޫޓުގެ ކޮންޓެއިނަރ ޓަރމިނަލެއް ހެދުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުންވަނީ ހަމަޖައްސަވާފައެވެ. އަދި މި އަލަށް ހިއްކޭ ބިމުގައި، ގުދަނާއި ސްޓޯރޭޖް ފެސިލިޓީޒް ޤާއިމް ކުރެއްވުމަށްވެސްވަނީ ނިންމަވާފައެވެ.