މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޑޮނީޝިޔާގެ މިނިސްޓަރ އޮފް މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް ޑޮކްޓަރ ފެޑެލް މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމް ޒިޔާރަތެއް ކުރައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކުރައްވައި، ކަނޑާއި، ފަރާއި ފަޅުގެ ދިރުން އާލާކުރެއްވުމުގެ ވިޔަފާރި ރާއްޖެއަށް ތަޢާރަފް ކުރައްވައި،       މި ވިޔަފާރި ފުޅާ ކުރެއްވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، އިންޑޮނީޝިޔާއަކީ އެކުއާކަލްޗަރއާއި މެރިކަލްޗަރ އިންޑަސްޓްރީ ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއާއި އިންޑޮނީޝިޔާއާ ދެމެދު މިދާއިރާއިން ގުޅުން ބަދަހި ކުރައްވައި، މިދާއިރާއިން އިންޑޮނީޝިޔާގެ ތަޖުރިބާ ރާއްޖެއާއެކު ޙިއްޞާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
 
މީގެއިތުރުން، ރާއްޖޭގައި މިދާއިރާއިން ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމުގެ ޕްރައިވެޓް ސެކްޓަރގެ މެދުގައި       މި ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިދާއިރާއިން، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ އިންޑޮނީޝިޔާގެ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވިފައިވާކަން ހާމަކުރެއްވިއެވެ. އަދި އިންޑޮނީޝިޔާ ސަރުކާރު މެދުވެރިވެ ވަޑައިގެން، މި ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ މަގުފަހި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
 

މި ބައްދަލުކުރެއްވުމުގައި، އިންޑޮނީޝިޔާގައި އެކުއާކަލްޗަރއާއި މެރިކަލްޗަރގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އިންޑޮނީޝިޔާގެ މަސްވެރިކަމާބެހޭ ވަޒީރު އެރުއްވިއެވެ. އަދި މި ދާއިރާއިން ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ ބޭނުންހިފައި، ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑޮނޭޝިޔާގެ ކުންފުނިތަކުގެ ޝައުޤުވެރިކަން ހުރިކަން ހާމަކުރެއްވިއެވެ.