ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާގެ ޑެޕިޔުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ސްޓެއިންބަރގާ ރޭ ބައްދަލުކުރައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖެއާއި އެމެރިކާއާއި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، މިގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރައްވައި ފުޅާކުރެއްވުމާ ބެހޭގޮތުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވިދާނެ ދާއިރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު މަޝްވަރާ ކުރެއްވިއެވެ.
 

މީގެއިތުރުން، އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ޑެޕިޔުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ސްޓެއިންބަރގަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އެކަން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.