މާލެ ފިޔަވައި، މީހުން ދިރިއުޅޭ އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް މިއަދު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށީ ބަނދަރު ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ރަށުގައި އަލަށް ހިއްކާފައިވާ ބިން މިއަދު ހެނދުނު ބައްލަވާލައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ކުރެއްވި ޒިޔާރަތުގައި،  އެ ތަނުގެ މަސައްކަތް ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު އޮޅުއްފިލުއްވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން ވަނީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއި، ހިތަދޫ ސަރަޙައްދީ ބަނދަރަށް ބާލާ މުދަލުގެ ޑިއުޓީން 30 އިންސައްތަ މަޢާފް ކޮށްދެއްވަން ފަށްޓަވާފައެވެ.
 
މީގެއިތުރުން، މިދިޔަ އަހަރު ސަރުކާރުން އެ ރަށުގައި ހިއްކަވާފައިވާ ބިންވެސް ރައިސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިއީ، ސަރުކާރުން 109 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން، ނެދަރލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާ ހަވާލުކުރައްވައިގެން ހިއްކަވާފައިވާ 28 ހެކްޓަރުގެ ބިމެކެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށީގައި ބިނާކުރައްވާފައިވާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ދެ ވަނަ ދަނާލު މިއަދު ހަވީރު ހުޅުއްވައިދެއްވިއެވެ. ދަނާލުގެ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މި އިމާރާތް ބައްލަވާލެއްވިއެވެ.
 

މި ދަނާލު އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 17 އޮކްޓޯބަރ 2007ގައެވެ. ހަމިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް ފައްސަތޭކަ އެކާވީސް ރުފިޔާ ޚަރަދު ކުރައްވައިގެން އިމާރާތް ކުރައްވާފައިވާ މި ދަނާލު އިމާރާތް ކުރައްވާފައިވަނީ އަމީން ކޮސްޓްރަކްޝަނާ ހަވާލުކުރައްވައިގެންނެވެ. ކޮލެޖްގެ ދަނާލެއް ކުޅުދުއްފުށީގައި ފުރަތަމަ ހުޅުއްވާފައިވަނީ 25 ޖޫން 2005ގައެވެ.