ރާއްޖޭގައި، ޚާއްޞަ ގޮތެއްގައި އަތޮޅުތަކުގައި، ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމަށް އިންޑިޔާއިން އެހީތެރިވެދިނުމުގެ އެއްބަސްވުން، "އެޑިއުކޭޝަން ކެޕޭސިޓީ ބިލްޑިންގ ޓް ޕްރޮމޯޓް ޓެކްނޮލޮޖީ އެޑަޕްޓޭޝަން އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރައްވައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ، ޑޮކްޓަރީ ބޭހާއި، ކުޅިވަރު ސާމާނު، ދިވެހި ސަރުކާރާ މިއަދު ހަވާލުކުރައްވައިފިއެވެ.

 
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.       މި ރަސްމިއްޔާތުގައި އެމަނކުފާނު ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން މި ދެއްވި އެހީތަކަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމަށް އެހީތެރިވެދެއްވުމަށް އިންޑިޔާއިން އެހީތެރިވެދެއްވުމުގެ އެގްރީމެންޓްގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ވަކިރަށްރަށް ގުޅާލެއްވުމުގައި ޓެކްނޮލޮޖީ ބޭނުންކުރެއްވުން އިތުރުކުރެއްވުމުގެ މަސައްކަތްތަކެއް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ކުރައްވާ މަސައްކަތުގެ ދަށުން، ޞިއްޙީ ޚިދުމަތުގެ ދާއިރާގައި، ޓެލެމެޑިސިންގެ ޚިދުމަތް ބޭނުންކުރަން ފަށްޓަވާފައިވާ ކަމަށާއި،        މި އެގްރީމެންޓްގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގައި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ބޭނުން އިތުރުކުރެއްވުމަކީ، ސްކޫލްތަކުގެ ދަރިވަރުންނަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިއަދުގެ ރަސްމިއްޔާތުގައި، "އެޑިޔުކޭޝަން ކެޕޭސިޓީ ބިލްޑިންގ ޓު ޕްރޮމޯޓް ޓެކްނޮލޮޖީ އެޑަޕްޓޭޝަން އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އެގްރީމެންޓްގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ. އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑީ.އެމް. މުލޭއެވެ. 5.3 މިލިއަން ޑޮލަރުގެ މިއެގްރީމެންޓްގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް، ވަކިން ޚާއްޞަގޮތެއްގައި އަތޮޅުތަކުގައި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުތަކަށް އަހުލުވެރި ކުރުވުމުގެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
 

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ 7 މިލިއަން ރުޕީސްގެ ކުޅިވަރު ސާމާނާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ރަޝީދެވެ. އަދި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާ 10.6 މިލިއަން ރުޕީސްގެ ޑޮކްޓަރީ ބޭހާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ޢަބްދުލްބާރީ ޢަބްދުﷲއެވެ.