ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ހުވަދު އަތޮޅޮ އުތުރުބުރީ ވިލިނގިއްޔަށާއި، ކޮލަމާފުށްޓަށް މިއަދު ވަޑައިގެންފިއެވެ. އެ މަނިކުފާނު މި ދެރަށަށް ވަޑައިގަތުމުން، އެ ދެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

 
މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުވަދު އަތޮޅަކީ މަސްވެރިއަތޮޅެއް ކަމަށާއި، ރާއްޖޭގެ ސަރަޙައްދުގެ ސަތޭކަ މޭލު ބޭރުން ލޭނު އެޅުމަށް ކުރީގައި ސަރުކާރުން ބޭރުގެ ބައެއް ފަރާތްތަކަށް ދޫކުރައްވާފައިވާ ލައިސަންސް، މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރުން ބާޠިލް ކުރެއްވުމާ ގުޅިގެން އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ މަސްވެރިންނަށް ލިބެމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
 
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު ހަވީރު ވަޑައިގެންނެވި ކޮލަމާފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމް.ޑީ.ޕީ.ގެ ސިޔާސަތު ތަކުގެ ތެރެއިން މަސްވެރިކަމާ ގުޅޭ ސިޔާސަތު އެމަނިކުފާނު ހާމަކުރެއްވީ އެރަށުގައި ހުންނަވައިގެން ކަން ފާހަގަކުރެއްވިއެވެ.
 
އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި މަސްވެރިން ބާނާ މަހަށް އޭގެ ހަމައަގު ލިބޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި، ބައިނަލްއަޤްވާމީ މާރުކޭޓްގައި ކަޅުބިލަމަހުގެ އަގު އެއިރެއްގައި ހުންނަ އަގަކަށް، މަހުގެ އަގު އެރުވޭނެ ސިޔާސަތެއް އެކުލަވާލައްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމުގައި ވިދާޅުވިއެވެ.
 
މި ސިޔާސަތުގެ ދަށުން، މަސްވެރިކަން ވާދަވެރިކަމަށް ހުޅުއްވާލެއްވުމުގެ ސަބަބުން، ކުރީގައި ގިނަވެގެން ކިލޯއަކަށް ފަސް ރުފިޔާ ލިބުނު މަސް، މިއަދު ބާރަ ރުފިޔާއަށް ވުރެ މަތީ އަގެއްގައި ކޮލަމާފުށީގެ މަސްވެރިންނަށް ވިއްކެމުން ދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު، ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވިލިނގިލީގައި އެއަރސްޓްރިޕެއް ބިނާކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށް ދާނެ ކަމުގައި ވިދާޅުވިއެވެ. ވިލިނގިލީގައި އެއަރޕޯޓެއް ބިނާކުރެއްވުމަކީ، ހުވަދު އަތޮޅުގައި ޓުއަރިޒަމް އިންޑަސްޓްރީއާއި، ވިޔަފާރި ފުޅާވެގެން ދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
މީގެއިތުރުން، ކޮލަމާފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށް ހިންގަވާ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ރަށުގެ ނަރުދަމާ ޤާއިމް ކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ކުންފުންޏަކާ ހަވާލުކުރައްވާފައިވާ ކަމަށާއި، އެ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮލަމާފުށީގައި ލިބެން ހުރި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، މިއަހަރު ތެރޭގައި އެ ރަށުގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
 

ވިލިނގިއްޔާއި ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް، ޤައުމު ތަރައްޤީއަށް ޓަކައި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ރޮނގުން ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީއާއި، ފުރިހަމަ ރައްޔިތެއް ބިނާ ކުރުމަށްޓަކައި، ރާއްޖޭގެ ކިޔަވާ ކުދިންނަށް ވަށާޖެހޭ ތަޢުލީމެއް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިހާތަނަށް ހޯއްދެވިފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.