ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދެވުމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ކުރިއެރުން މުޅި ރާއްޖެއިން ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިރޮނގުން ވާހަކަފުޅު ދެއްކެވީ، އެމަނިކުފާނު ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ހުވަދުއަތޮޅު އުތުރުބުރީ ނިލަންދުއާއި، މާމެންދުއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ މިހާރުގެ ތަރައްޤީގެ ސިޔާސަތު ނުވަތަ ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލައްވާފައިވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ވަރަށްގިނަ ރައްޔިތުންގެ މަޝްވަރާގެ މަތިން، ސަރުކާރުން ވަވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ހުވަދުއަތޮޅަކީ މަސްވެރި އަތޮޅެއްކަން ބަޔާންކުރައްވަމުން، ސަރުކާރުގެ އެއް ވަޢުދަކީ، ރާއްޖޭގެ މަސްވެރިންނަށް، އެމީހުން ބާނާ މަހަށް، ހަމަ އަގު ހޯއްދަވައިދެއްވުމުގެ ވަޢުދުކަން ރައީސުލްޖުމްހޫރިއްޔާ، މި ދެރަށުގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
 
އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުގެ ދަށުން، މަސްވެރިކަން ވާދަވެރި ވިޔަފާރީގެ ތެރެއަށް ދޫކޮށްލެއްވުމުގެ ސަބަބުން، ކުރިން މަސްކިލޯއަކަށް ދެރުފިޔާބައި ލިބުނުއިރު، މިއަދު މަސްކިލޯއަކަށް އެންމެ ކުޑަވެގެންވެސް، ނުވަރުފިޔާ ނުވަތަ ދިހަރުފިޔާ މަސްވެރިންނަށް ލިބެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ދިވެހި މަސްވެރިންނަށް ދުނިޔޭގެ ބާޒާރުގައި މަސްކިލޯއަކަށް ލިބޭ އަގު ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، މި ދެރަށުގައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވައިދެއްވުމުގައި ހޯއްދަވާފައިވާ ކާމިޔާބީއާ ގުޅިގެން، އެ ދެރަށަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ލިބެމުންދާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ނިލަންދޫގެ 153 ރައްޔިތަކާއި، މާމެންދޫގެ 219 ރައްޔިތަކަށް މަދަނައިގެ ތެރެއިން އަހަރަކު ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދޮށީ ޢުމުރުގެ މީހުންނަށް، ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން، ނިލަންދޫގެ 62 ރައްޔިތަކަށާއި، މާމެންދޫގެ 67 ރައްޔިތަކަށް ލިބެމުންދާތާ ދެއަހަރު ވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް މިއަހަރު ފެށޭނެކަން ހާމަކުރެއްވިއެވެ.