ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔާއި، އެ ރަށާއި ޖެހިގެން އޮތް ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލައި، ދެރަށް އެކުގައި ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެރަށް ގުޅާލެވި، ބިން ބޮޑުކުރެވި، ވިޔަފާރި ފުޅާކުރެވި، ދެރަށުގެ ތަރައްޤީއަށް އެކަށީގެންވާ ފެންވަރުގެ ބޮޑު ބަނދަރެއް ހެދުމަކީ، ދެރަށުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެރަށް ގުޅާލެވުމުން، ގުޅިފައިވާ ކަރަންޓްގެ ޚިދުމަތާއި ފެނުގެ ނިޒާމެއް ދެރަށުގައި ޤާއިމް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މީގެ އިތުރުން، މަޑަވެލީގެ ތަރައްޤީއަށް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، މަޑަވެލީގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވައި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފުރިހަމަ ކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަށާޖެހޭ ތަޢުލީމެއް ދިނުމަށްޓަކައި، ބޭނުންވާ ޢިމާރާތްތައް މަޑަވެލީ ސްކޫލްގައި ބިނާ ކުރައްވައި، މަޑަވެލީ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުން ލިބެން ހުރި ޞިއްޙީ ޚިދުމަތައް، ރަށުގެ ހުރިހާ ރައްޔިތުންނަށް އަތްފޯރާވަރު ކޮށްދެއްވުމުގެ މަސައްކަތް، ސަރުކާރުގެ ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން ކުރައްވަމުން ގެންދަވާއިރު، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، މިއަހަރު އެ މަރުކަޒަކީ ޓެލެމެޑިސިންގ ޚިދްމަތް ޤާއިމު ކުރެވިފައިވާ މަރުކަޒަކަށް ހައްދަވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
 
މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވަމުން ވަޑައިގެންނެވުމުގައި ސަރުކާރުން މިހާތަނަށް ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.