ޓުއަރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ޔޫރަޕްގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ޓީ.ޔޫ.އައި.އިން ކޮންމެ އަހަރަކު ދޭ "ޓީ.ޔޫ.އައި އިންޓަރނޭޝަނަލް އެންވަޔަރަންމަންޓަލް އެވޯޑް"، ޔުނިވަރސަލް ރެޒޯޓްސް އިން ހިންގާ ކުރަމަތި އައިލެންޑްގެ އީކޯ ސެންޓަރަށް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެ ރިޒޯޓަށާއި ޔުނިވަރސަލް ރެޒޯޓްސްގެ ޑައިރެކްޓަރ ޢަލީ ނޫރައްދީނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު، ކުރަމަތި އައިލެންޑަށާއި އެ ރިޒޯޓްގެ މެނެޖްމަންޓަށް ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވީ، ކުރަމަތި އައިލެންޑްގެ އީކޯ ސެންޓަރާ  މި އެވޯޑް ހަވާލު ކުރެއްވުމަށް، މިރޭ ކުރަމަތި އައިލެންޑްގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ކުރަމަތި އައިލެންޑްގައި ޤާއިމް ކުރެވިފައިވާ އީކޯ ސެންޓަރަކީ، ރާއްޖޭގައި ހުރި މިފަދަ އެންމެ ގިނަދުވަސްވީ ސެންޓަރެވެ. 1999 ވަނަ އަހަރުގެ އެލް ނީނޯގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ފަރުތަކަކަށް ކުރިމަތިވި ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން، ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުމުގެ ނާޒުކުކަން ޓުއަރިސްޓުންނަށް އަންގައިދީ، ފަރުތަކާއި ދިރުން ޙިމާޔަތް ކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި، ޔުނިވަރސަލް ރެޒޯޓްސްގެ ޑައިރެކްޓަރ ޢަލީ ނޫރައްދީންގެ އިސްނެންގެވުމުގެ މަތިން މި ސެންޓަރު ހުޅުވިފައިވަނީ 1999 ވަނަ އަހަރުއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ސަލާމަތަށް ޓަކައި، ފަރުތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ފަރުތަކާއި ކަނޑުގެ ޤުދުރަތީ މާޙައުލު ޙިމާޔަތް ކުރުމަށް ކުރަމަތި އީކޯ ސެންޓަރުން ކޮށްފައިވާ އަދި ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި އެ ސެންޓަރަށާއި، ޢަލީ ނޫރައްދީނަށް މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.
 
ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް އެކަށައަޅުއްވާފައިވާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ކުރަމަތިފަދަ ރާއްޖޭގެ ވަރަށް ގިނަ ރެޒޯޓްތަކުން ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތައް ބޭނުންކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ، ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމުގެ ލަނޑުދަނޑި، ސަރުކާރުން ކަނޑައަޅުއްވާފައިވާ މުއްދަތުގެ ކުރިން ޙާޞިލް ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ޓީ.ޔޫ.އައި. ގްރޫޕުގެ ފަރާތުން 1991 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ، ޓީ.ޔޫ.އައި. އިންޓަރނޭޝަނަލް އެންވަޔަރަންމަންޓަލް އެވޯޑް"އަކީ ޓީ.ޔޫ.އައި.ގެ ޚިދުމަތް ހޯދާ ދުނިޔޭގެ ރެޒޯޓް ނުވަތަ ހޮޓާތަކުގެ ތެރެއިން ތިމާވެށީގެ ރޮނގުން، ޤުދުރަތީ މާޙައުލާއި ދިރުން ޙިމާޔަތް ކުރުމުގައި ނަމޫނާ މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.
 
ކުރަމަތި އީކޯ ސެންޓަރގެ ފަރާތުން، ރާއްޖޭގެ ފަރުތަކާއި، ކަނޑުގެ މާޙައުލު ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެ ރިޒޯޓަށް ޒިޔާރަތް ކުރާ ޓުއަރިސްޓުންނަށް ފަރުތަކާބެހޭ މަޢުލޫމާތު ދީ، އަދި ކަނޑުގެ ދިރުމާއި ފަރުތައް ޙިމާޔަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް، 1999 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދެއެވެ. މީގެއިތުރުން، ކުރަމަތި އީކޯ ސެންޓަރގެ ފަރާތުން ރަސްދޫ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް މެރިން ބަޔޮލޮޖީއާބެހޭ    މަޢުލޫމާތު ދީ، އެ ސްކޫލުން ހިންގާ ތިމާވެށްޓާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުވައިދެމުން ގެންދެއެވެ.
 

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކުރަމަތި އައިލެންޑް ރިޒޯޓަށް ވަޑައިގަތީ، އެމަނިކުފާނު މާލެ އަތޮޅުގެ ތިން ރަށަކަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ވަރަށް ހަވީރުއެވެ.