ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި، ސަރުކާރަށް ހޯއްދެވިފައިވާ ކުރިއެރުމާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެ އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ކުރެއްވި ދަތުރުފުޅުގައި، ގާފަރަށާއި ކާށިދުއަށް ވަޑައިގެން އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
މި ދެރަށުގައި ރައީސުލްޖުމްހުރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް ތަރައްޤީ ކުރުމަށް، ވަކި ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް ކުރަންޖެހޭކަން އެއީ، އިންސާނީ ތަޖުރިބާ ދައްކާފައިވާ ޙަޤީޤަތެއް ކަމަށާއި، ޤައުމެއްގެ އާބާދީގެ ގިނަ ބަޔަކު، ފަޤީރުކަމުގައި ވަނިކޮށް އެ ޤައުމެއް ތަރައްޤީއެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަޢުދު ވެވަޑައިގެންނެވީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުކަމުގައި ދިރިއުޅޭ، ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމަށް ވެ ވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވަމުން ގެންދަވާއިރު، ގާފަރު 134 މީހަކާއި، ކާށިދޫގެ 316 މީހުނަށް، މަދަނައިގެ ތެރެއިން އެއިން ކޮންމެ މީހަކަށް އަހަރަކު އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ މަގު ފަހިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ސަރުކާރުން ދެއްވާ ޕެންޝަން، ގާފަރުގެ 45 ރައްޔިތަކަށާއި، ކާށިދޫގެ 99 ރައްޔިތަކަށް އަދި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެއްވާ ޢިނާޔަތްތައް، ގާފަރުގެ 19 ފަރާތަކަށާއި، ކާށިދޫގެ 68 ފަރާތަކަށް ލިބެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ގާފަރާއި ކާށިދޫ ހިމެނޭ ޕްރޮވިންސްގައި މި ދަތުރުފަތުރުގެ ނިޒާމް ޤާއިމް ކުރެވުނު ފަހުން، ގާފަރުން 2360 ފަރާތަކުން ދަތުރަށް އަރައި، 2287 ފަރާތަކުން ގާފަރަށް ދަތުރު ނިންމާފައިވާއިރު، ކާށިދޫއިން 1801 ފަރާތަކުން ދަތުރުފަށައި، 2150 ފަރާތުން ކާށިދޫއަށް ދަތުރު ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
 
ގާފަރާއި ކާށިދޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖޭގައި ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، މި ޤައުމުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ފިކުރަކީ މިހާރު ވެރިކަން ހިންގާ އެމް.ޑީ.ޕީ.ގެ ފިކުރެއްކަމަށް ބަޔާންކުރައްވަމުން، މި ސަރުކާރުގެ އަމާޒަކީ، ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނަށް ބާރުދީގެން، ރައްޔިތުންގެ ގާތުން، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތަށް ހެޔޮވެރިކަމެއް ކުރެވިގެން ނޫނީ، ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށާއި، މި ހެޔޮވެރިކަން ކުރެވެން އަންނަނީ، ލޯކަލް ކައުލްސިލްތައް އުފެދި، ރަށްރަށަށް ބާރު ލިބި، ރަށްވެރިކަން ހަރުދަނާ ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ގާފަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ގާފަރުގެ މިސްކިތުގެ މަސައްކަތް ހިނގާނެ ކަމަށާއި، 2012 ވަނަ އަހަރު ގާފަރު ސްކޫލް، އެއް ދަންފަޅިއަށް ބަދަލުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރު ގާފަރުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 

ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ތެރޭގައި އެ ރަށުގެ ބަނދަރު ހައްދަވާ ދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެ ރަށުގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް ވިއްކާނެ މަރުކަޒެއް އެރަށުގައި ބިނާކުރެވި، އެ މަރުކަޒުގެ ޚިދުމަތް މިއަހަރު ލިބެން ފަށާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.