ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންނާ      ރޭ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ތިމަރަފުށި ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއްކަން ބަޔާންކުރައްވަމުން، ތިމަރަފުށި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ، ތިމަރަފުށީގެ ތަރައްޤީއާއި ކޮޅުމަޑުލު ތަރައްޤީއާ ގުޅިފައިވާތީ ކަމަށާއި، އަދި ކޮޅުމަޑުލުގެ ތަރައްޤީއާއި ރާއްޖޭގެ ތަރައްޤީ ގުޅިފައިވާކަން ސާފުވެވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ.
 
ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށްދީ، އެ ޤަދަރާއި ޢިއްޒަތް ހޯދިގެންނޫނީ މިޤައުމު ތަރައްޤީއެއް ނުކުރެވޭނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން، 2008ވަނަ އަހަރުގެ ކުރީގައި އުޅުނުގޮތަށް، ބޭސް ސިޓީ ހިފައިގެން އެއް މަހުޖަނެއްގެ ގާތުން އަނެއް މަހުޖަނެއްގެ ގާތަށް ސަލާން ޖަހަން ދާންޖެހޭނަމަ، ރައްޔިތުންގެ ޤަދަރެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ އަމާޒަކީ، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމުގެ ވަޢުދުގެ ތެރެއިން، ތިމަރަފުށީގެ 431 މީހުންނަށް، ކޮންމެ މީހަކަށް މަދަނައިގެ ނިޒާމުގެ ތެރެއިން އަހަރަކު އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމީ، ސަރުކާރަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޕެންޝަން ޙައްޤުވަނީ ހަމައެކަނި، ސަރުކާރު މުވައްޒަފުންނަށް ނޫންކަން ގަބޫލު ކުރައްވައި، ދޮށީ ޢުމުރުގެ މީހުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، ތިމަރަފުށީގެ، އުމުރުން 65 އަހަރުން މަތީގެ 147 ރައްޔިތުންނަށް، ސަރުކާރުން ދެއްވާ ދެ ހާސް ރުފިޔާގެ ޕެންޝަން ލިބެމުންދާތާ ދެއަހަރު ވެފައިވާކަމީވެސް، ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާ އެއްވަރަށް ދީނީ ދަންނަބޭކަލުންނަށް، ހެޔޮ ނަސޭހަތާއި، ހެޔޮ ވަޢުޡު ދިނުމުގެ މިނިވަންކަން ލިބިފައިވާ އެހެން ޤައުމެއް، މުޅި އިސްލާމީ އުންމަތުގައިވެސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި އިސްލާމް ދީން ދިރޭނީ، ފުޅާ ގޮތެއްގައި ދީނީ ކަންކަމުގައި ވިސްނުން ގެންގުޅެވިގެންކަން ފާހަގަކުރައްވަމުން، އިސްލާމީ ތާރީޚްގެ ރަންޒަމާން ފެންނަން އޮތީ މި މަގުން ކަމަށާއި، އެއީ، ހުޅުވިފައިއޮތް ޒަމާނެއް ކަމުގައި ވިދާޅުވިއެވެ. އަދި 2022ވަނަ އަހަރުގެ ވަރލްޑް ކަޕް ބަހްރެއިންގައި ބާއްވާކަން އެއީ، އިސްލާމީ އުންމަތުގެ ކާމިޔާބީއެއް ކަމަށާއި، ތަޢުލީމާއި، ޢިލްމާއި، ހުނަރާއި، އަދި ދުނިޔަވީ އެންމެހާ ކަންކަމާއި، އާޚިރަތަށްޓަކައި އިސްލާމުންނަށް އުޅެވޭނީ އިސްލާމް ދީން ހުޅުވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މީގެއިތުރުން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުއްވައިދެއްވުމާއެކު، ރާއްޖޭގެ ޞިއްޙީ ޚިދުމަތް ދެއްވާ ތަންތަނުގެ ޚިދުމަތް ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ތަކުގެ ދަށުން، ތިމަރަފުށީ ޞިއްޙީ މަރުކަޒަކީ، މިއަހަރު ތެރޭގައި ޓެލެމެޑިސިންގެ ޚިދުމަތް ލިބޭ ސެންޓަރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް މި ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ސަރުކާރުން ޤާއިމް ކުރައްވާފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާޙް ކޮށްދެއްވިއެވެ. ނަރުދަމާގެ ނިޒާމް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، އެ ނިޒާމާ ގުޅިފައިވާ ޕަމްޕް ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. އަދި މި ދަތުރުފުޅުގައި، ތިމަރަފުށީ އޮފީހާއި ރަށްވެހިގެ ހިމެނޭ ޢިމާރާތް ހުޅުވުން އޮތެވެ. މި ޢިމާރާތް ހުޅުއްވައިދެއްވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއެވެ.
 
މީގެއިތުރުން، ތިމަރަފުށީގައި އަޅާ އެއަރޕޯޓް އެޅުމަށާއި، ރަށަށް ބިންއިތުރުކުރުމަށް، ހިންގަވަމުން ގެންދަވާ ބިންހިއްކުމުގެ މަޝްރޫޢު ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ތިމަރަފުށީ ބިންހިއްކުމާއި، އެއަރޕޯޓް އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވަނީ 21 އޮކްޓޯބަރ 2010ގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއެވެ.
 

ރައީސުލްޖުމްހޫރިއްޔާ، ތިމަރަފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަތީ ރޭ މެންދަމުއެވެ.