ބެންގަލޫރުގެ އަންބިކާ ކޮލެޖަށް ނަރސިންގ ހެދުމަށް އުތުރު ޕްރޮވިންސް އޮފީހުން ފޮނުވި ވަރަށްގިނަ ޢަދަދެއްގެ ކުދިން، ބައެއް މައްސަލަތަކާހެދި ކޯސް ފުރިހަމަނުކޮށް އެނބުރި އައުމާ ގުޅިގެން، އެކުދިންނާއި އަދި އެކުދިންގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އެކުދިންނާއި އަދި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ގޮތަކަށް މިކަން ހިނގީތީ، ވަރަށް ހިތާމަ ކުރައްވާ ކަމަށާއި، އެކުދިންނާ ދޭތެރޭގައި ސަރުކާރުން ދެން ކަންތައްތައް ކުރެއްވެން އޮތް ގޮތެއް ބައްލަވައި، އެކުއްޖަކު ކުރިއަށްދާން އެދޭ ރޮނގަކުން ކުރިއަށް ދިޔުމުގެ ފުރްޞަތު ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ހިނގަން މެދުވެރިވީ، ރަނގަޅު ފުރިހަމަ މަޢްލޫމާތު ނުލިބިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކުދިންގެ ތެރެއިން ފެންވަރު ނެތިގެން ނަރސިންގ ހެދެން ނެތް ކުދިންނަށް، އިތުރަށް ކިޔަވައިދެއްވައިގެންވެސް އެކުދިންނަށް އެރޮނގުން ކުރިއަށް ދިއުމުގެ ފުރްޞަތު ސަރުކާރުން ދެއްވަން ބޭނުންފުޅުވާ ކަމަށާއި، އަދި ނަރސިންގ ހަދަން ބޭނުންނުވާ ކުދިންނަށްވެސް، އެނޫން އެހެން ރޮނގަކުން ކުރިއަށް ދެވޭނެގޮތް ތަނަވަސްކޮށްދެއްވަން ސަރުކާރުން ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެވެސް އެއްކޮޅެއްގައި ޖެހެންދެން، މިކުދިންގެ ކަންތައް ސަރުކާރުން ބައްލަވަމުން ގެންދަވާނެ ކަމަށް ވިދާޅުވެ، އެއިން އެއްވެސް ކުއްޖަކަށް ދެރަގޮތެއް މެދުވެރިނުވާނެ ކަމުގެ ޔަޤީންކަން، އެކުދިންނަށާއި ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
 
މިބައްދަލުކުރެއްވުމުގައި އަންބިކާ ކޮލެޖަށް ކިޔަވަން ފޮނުވި ބައެއް ކުދިންނާއި އަދި އެކުދިންގެ ބެލެނިވެރިން، އެކަންތައްތައް ހިނގާދިޔަގޮތް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެކުދިންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވައި، މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް އިސްނަންގަވައިގެން މަސައްކަތްޕުޅު ކޮށްދެއްވާތީ، އެކަން ފާހަގަކުރައްވައި، ރައީސަށް ޝުކުރު ދެންނެވިއެވެ.
 

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ޢަބްދުލްބާރީ ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު އަލްއުސްތާޛާ ލުބްނާ ޒާހިރު ޙުސައިނާއި، މިނިސްޓަރ އޮފް ސްޓޭޓް، އުތުރު ޕްރޮވިންސްގެ ނައިބު އާމިނަތު ޖަމީލް ބައިވެރިވެވަޑައިގެންނެވިއެވެ.