ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރިއަށް ޒިޔާރަތް ކުރައްވައި، އެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުންގެ ތެރެއިން، ވެރިކަންކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ވާދަވެރި ދިވެހި ރައްޔިތުންގެ ޕާޓީއަށް ތާއީދު ކުރައްވާ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

 
މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަޑުއްވަރީއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ، ރަށްގިރުމުގެ ސަބަބުން، ބައެއް ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިއޮތް ރަށެއްކަން ފާހަގަކުރެއްވިއެވެ. ރަށްގިރުމުގެ މައްސަލައަކީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، ރާއްޖޭގެ ބިންކުދި އަދި އާބާދީ ބޮޑެތި ރަށްރަށަށް މި މައްސަލަ ކުރިމަތިވެފައިވާ މިންވަރަށް ބަލާއިރު، މިއީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލުކުރުމަށްޓަކައި ޒަމާނީ ޓެކްނޯލޮޖީ ބޭނުންކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ، ރާއްޖޭގެ ރަށްރަށަކީ ކުރިއަށް އޮތް ޖީލުތަކަށް ފާގަތިކަންމަތީގައި އުޅެވޭނެ ޖަޒީރާތަކަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، މިއަދު ހެނދުނު މަޑުއްވަރިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ކުރެވިފައި ހުރި މަސައްކަތްތަކާއި އަދި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރަޙައްދު ހިމާޔަތް ކުރުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތެއް އޮތްކަމަށް ފާހަގަވެއްޖެނަމަ، ކަމާބެހޭ އިންޖިނޭރުންގެ ލަފައާ އެއްގޮތަށް އެމަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
 
މަޑުއްވަރީގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، މަޑުއްވަރީ ހެލްތް ސެންޓަރަކީ، ޓެލެމެޑިސިންގެ ޚިދުމަތް ލިބޭ، އަދި ރާއްޖޭގެ އެހެނިހެން ބޮޑެތި ހޮސްޕިޓަލްތަކާ ގުޅާލެވޭ ހެލްތް ސެންޓަރެއްގެ ގޮތުގައި މިއަހަރު ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، މަޑުއްވަރީގެ ބޯޅަދަނޑަކީ މަލްޓި-ޕާރޕަސް ދަނޑަކަށް ހެއްދެވުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަންވެސް ހާމަކުރެއްވިއެވެ.
 
މަޑުއްވަރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ، އެ އަތޮޅު މީދުއަށެވެ.
 
މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މީދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ނިންމިފައިވާކަން ފާހަގަކުރައްވަމުން، ބަނދަރު ހަދާ ނިމުމަކީ، ބަނދަރުގެ އިޤްތިޞާދީ ފުރިހަމަ ފައިދާ، އެ ބަނދަރުން ލިބެން އޮތްގޮތް ކަމަށް ސަރުކާރުން ދެކެވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ، ބަނދަރާގުޅިފައި ހުރި އެހެން ހުރިހާ ވަސީލަތްތަކާއި، ބަނދަރާ ގުޅޭ އެހެން ހުރިހާ ރަށްރަށް ބަނދަރާ ގުޅުވައި، ބަނދަރުމައްޗެއް ތަރައްޤީ ކުރައްވައި ވިޔަފާރި ތަރައްޤީ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި މީދޫގައި ބަނދަރުމައްޗެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ، މަޑުއްވަރިއާއި، މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވެމުން ގެންދެވުމާ ގުޅިގެން އެދެރަށަށް އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ލިބެމުންދާ ކުރިއެރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ.