މިއަހަރަކީ، ރާއްޖޭގައި ޒަމާންތަކަކަށްފަހު، މަދަރުސާތަކުގައި ޓީޗަރުން ހަމަކޮށް ކިޔަވައިދޭން ފެށުނު އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔަ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ރާއްޖޭގައި ދިވެހި އަދި އިސްލާމް ކިޔަވައިދޭ ޓީޗަރުން، ދެ ބައިކުޅައެއްބަޔަށް ހަމަވާވަރަށްވެސް ނެތްކަމުގައި ވިޔަސް މިހާރު ހުރިހާ ޓީޗަރުން ހަމަވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ބައެއް ސްކޫލްތަކުގެ ބައެއް ކްލާސްތަކަށް ބޭނުންވާ ބައެއްފޮތް، މިދިޔަ ހަފްތާގައި ހަމައަށް ނެތްކަމުގައި ވިޔަސް، މިހާރު އެކަންކަން ހުންނާނީ ފުރިހަމަވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
 
ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމު ތަރައްޤީވުމަށްޓަކައި ތަރައްޤީވާން މި ޖެހެނީ ސީދާ ރައްޔިތުމީހާ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން، އެކަމަށްޓަކައި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ވަށާޖެހޭ ތަޢުލީމާއި އަދި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރަސްމާދޫގެ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވުމާއެކު، އެހެން ސްކޫލްތަކަށްވެސް އެބަދަލު ގެނެވުނީމާ، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރަށް އެ އަންނަ ބަދަލު ރަސްމާދޫ ސްކޫލަށްވެސް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިބަދަލާ ގުޅިގެން، 2010 ވަނަ އަހަރާ އަޅާބަލާއިރު 2011 ވަނަ އަހަރު ރަސްމާދޫ މަދަރުސާގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު، 50 ޕަރސެންޓް މައްޗަށް ދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބައްލަވާލައްވަމުން، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން، ރަސްމާދޫގެ 156 ރައްޔިތަކަށް މަދަނައިގެ ތެރެއިން ކޮންމެ އަހަރަކު އެއް ލައްކަ ރުފިޔާގެ ބޭސް ފަރުވާ ކުރުމުގެ ފުރުޞަތު ފަހިވެފައި ވާކަމަށް ވިދާޅުވިއެވެ. އަދި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ސަރުކާރުން ދެއްވާ ދެ ހާސް ރުފިޔާގެ ޕެންޝަން، ރަސްމާދޫގެ 50 ރައްޔިތަކަށް ވޭތުވެދިޔަ ދެއަހަރު ދެވިފައިވާ ކަމަށާއި، މި ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު ރަސްމާދޫގެ އިޤްތިޞާދުގެ ތެރެއަށް އެއް ލައްކަ ރުފިޔާ ވަންނަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ރަސްމާދޫގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގައިވެސް ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.