ދަތުރުފަތުރުގެ ނިޒާމު ބޭނުންކޮށްގެން، ރާއްޖޭގެ ތިންލައްކައަށްވުރެ ގިނަ ރައްޔިތުން މިހާތަނަށް ދަތުރު ކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމުގެ މަޝްރޫޢު، ސަރުކާރުން ފެށްޓެވިތާ މިއަދު 2 އަހަރު ފުރުމުގެ މުނާސަބަތުގައި، މިއަދު ހަވީރު ހުޅުމާލޭގެ މާލެ ފެރީ ޓަރމިނަލް ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައެއް ޕްރޮވިންސްތަކުގައި، ދަތުރުފަތުރުގެ ކަންތައް ކުރިއަރާފައިވާ މިންވަރު ނުވަތަ ޚިދްމަތްދެމުން ގެންދެވޭ މިންވަރު، އެހެން ޕްރޮވިންސްތަކަށްވުރެ ހީނަރު ކަމަށްވީނަމަވެސް، ހުރިހާ ޕްރޮވިންސެއްގައިވެސް އަސާސީ ޚިދްމަތްތައް ދެވެމުން ގެންދެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ އަސާސީ ޚިދްމަތްތައް ތަރައްޤީ ކުރައްވައި، މި ނިޒާމް ފުރިހަމަ ކުރެއްވުމަކީ، ކުރިއަށް އޮތް 3 އަހަރު އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ކުރައްވައި ނިންމަވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ، އެމް.ޑީ.ޕީ އިން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި ވެފައިވާ ވަޢުދެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ އެންމެބޮޑު އެއްހުރަހަކީ، ފަސޭހަކަމާ އެކީގައި ރައްޔިތުންނަށް ދަތުރުފަތުރު ނުކުރެވުން ކަމުގައި ވިދާޅުވިއެވެ. އެއްވެސް ރަށަކީ، ހަމައެކަނި އެރަށުގެ ގޮނޑުދޮށާ ހިސާބުން ނިމޭ ރަށެއްގެ ގޮތުގައި ދުށުމަކީ، ތަރައްޤީގެ ބޮޑު މަންޒަރު ވަރަށް ބޮޑަށް ހަނދާން ނައްތާލެވޭ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވަމުންދާ މިންވަރަކުން، އޭގެ ސަބަބުން ލިބެމުންދާ ފައިދާއާއި ލުއި ވަރަށް ބޮޑަށް ސާފުވަމުން އެބަދާ ކަމަށާއި، އަދި މިޚިދްމަތް ފުޅާކުރަމުން ގެންދިޔަ މިންވަރަކަށް މުޅި ރާއްޖޭގެ އެންމެހާ ޚިދްމަތްތައް، ރައްޔިތުންނަށް ފަސޭހަ ގޮތުގައި ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ދަތުރުފަތުރުގެ ނިޒާމުގެ ދަށުން މިހާތަނަށް ތިންލައްކަ ފަސްދޮޅަސްހާސް ހަސަތޭކަ އަށްޑިހަ އަށްމީހުން، މިނިޒާމުގެ ބޭނުންކޮށްފައިވެއެވެ. މަތި އުތުރު ޕްރޮވިންސްގައި، 18 މާޗް 2010ން ފެށިގެން މިހާތަނަށް ހަހާސް ފައްސަތޭކަ ފަސްދޮޅަސް މީހުންނަށް ޚިދްމަތް ދެވިފައިވެއެވެ. އުތުރު ޕްރޮވިންސްގައި، 1 މެއި 2010ން ފެށިގެން މިހާތަނަށް ހަތްދިހަހާސް ބާވީސް މީހުންނަށް ޚިދްމަތް ދެވިފައިވެއެވެ. މެދު އުތުރު ޕްރޮވިންސްގައި، 1 ފެބްރުއަރީ 2010ން ފެށިގެން ނުވަދިހަ ދެހާސް ތިންސަތޭކަ ނުވަ މީހުންނަށް، މެދު ޕްރޮވިންސްގައި 27 އޭޕްރިލް 2010ން ފެށިގެން ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ހަމީހުންނަށް، މެދު ދެކުނު ޕްރޮވިންސްގައި، 10 ސެޕްޓެމްބަރ 2009ން ފެށިގެން މިހާތަނަށް އެއްލައްކަ ތޭރަހާސް އަށްސަތޭކަ ސާޅީސް އެއްމީހުންނަށް، މަތި ދެކުނު ޕްރޮވިންސްގައި، 18 މާޗް 2010ން ފެށިގެން މިހާތަނަށް ހަހާސް ފައްސަތޭކަ ތޭރަ މީހުންނަށް، އަދި ދެކުނު ޕްރޮވިންސްގައި، 20 ޖަނަވަރީ 2010ން ފެށިގެން މިހާތަނަށް ސާދަހާސް ހަސަތޭކަ ތިރީސްފަސް މީހުންނަށް ފެރީގެ ޚިދްމަތް ދެވިފައިވެއެވެ. މީގެއިތުރުން، ދެކުނު ޕްރޮވިންސްގައި،   10 ސެޕްޓެމްބަރ 2010ން ފެށިގެން މިހާތަނަށް ސާޅީސް ނުވަހާސް ދުއިސައްތަ ހަތަރު މީހުން، ބަހުގެ ދަތުރުފަތުރުގެ ޚިދްމަތް ބޭނުންކޮށްފައިވެއެވެ.